ނިމިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޓީމް އޮފް ދަ ސީޒަން އިއުލާންކޮށްފިއެވެ.

ޔުއެފާގެ ޓެކްނިކަލް އޮބްޒާވަރުން މެދުވެރިކޮށް މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެންޗެސްޓާ ސިޓީ އަށް ފައިނަލް މެޗުގައި ގޯލު ކާމިޔާބުކޮށްދިން ރޮޑްރީއެވެ. ރޮޑްރީ ވަނީ ޗެމްޕިއަންސް ލީގުގައި ސިޓީ އަށް 12 މެޗު ކުޅެދީ، ދެ ލަނޑު ޖަހައިފައެވެ.

 

މިއަހަރުގެ ޓީމް އޮފް ދަ ސީޒަންގައި ސިޓީގެ ހަތް ކުޅުންތެރިން ހިމެނިފައިވާއިރު، ދެން ހިމެނުނީ ދެ ވަނަ އަށް ދިޔަ އިންޓަ މިލާންގެ ދެ ކުޅުންތެރިންނާއި، ސެމީ ފައިނަލްގައި ވާދަކުރި ރެއާލް މެޑްރިޑުގެ ދެ ކުޅުންތެރިންނެވެ.

ޓީމް އޮފް ދަ ސީޒަންގައި ހިމެނުނު ކުޅުންތެރިން :

އާލިން ހާލަންޑް - މެންޗެސްޓާ ސިޓީ

ބެނާޑޯ ސިލްވާ - މެންޗެސްޓާ ސިޓީ

ރޮޑްރީ - މެންޗެސްޓާ ސިޓީ

ކެވިން ޑިބްރޭނާ - މެންޗެސްޓާ ސިޓީ

ސްޓޯންސް - މެންޗެސްޓާ ސިޓީ

ރުބެން ޑިއާސް - މެންޗެސްޓާ ސިޓީ

ވޯކާ - - މެންޗެސްޓާ ސިޓީ

ޑިމާކޯ - އިންޓަ މިލާން

ބަސްޓޮނީ - އިންޓަ މިލާން

ވިނީޝިއުސް ޖޫނިއާ - ރެއާލް މެޑްރިޑް

ކީޕަރު ތިބައޫ ކޯޓުއާ - ރެއާލް މެޑްރިޑް

މީގެ އިތުރުން ސީޒަންގެ އެންމެ ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އިންޓަގެ ހަވިޗާ ކްވާރަތުސްކޭލިއާއެވެ. އޭނާ ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އިންޓަ އަށް ނުވަ މެޗު ކުޅެދީ ދެ ލަނޑު ޖަހައިފައެވެ. މީގެ އިތުރުން ހަތަރު ލަނޑު ޖެހުމަށް ވަނީ އެހީތެރިވެދީފައެވެ.

ސިޓީން ވަނީ މި ސީޒަނުގައި ކުޅުނު ތިން މުބާރާތް ކާމިޔާބުކޮށް ޓްރެބަލް ފުރިހަމަކޮށްފައެވެ. ސިޓީ އަކީ ޓްރެބަލް ފުރިހަމަކުރި އިނގިރޭސި ދެ ވަނަ ޓީމެވެ. މީގެ ކުރިން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް، 1999 ވަނަ އަހަރު އަލެކްސް ފާގަސަންގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑުން ވެސް ޓްރެބަލް ހެދިއެވެ. ސިޓީން މި ފަހަރު އެފްއޭ ކަޕް ކާމިޔާބުކުރީ ޔުނައިޓެޑް ބަލިކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ތަށި، އިންޓަ ބަލިކޮށް އުފުލާލިއިރު، މިއީ ސިޓީ ތާރީހުގައި މި މުބާރާތް ކާމިޔާބުކުރި ފުރަަތަމަ ފަހަރެވެ. ސިޓީ ވަނީ 2021 ވަނަ އަހަރުގެ ފައިނަލުގައި ޗެލްސީ އަތުން ބަލިވެފައެވެ.