އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީން ފުރަތަމަ ފަހަރަށް ޔުއެފްއާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.

ތުރުކީގެ އިސްތަންބޫލުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް ސިޓީއިން ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. މިކާމިޔާބީޔާއެކު އެއް ސީޒަނެއްގައި ތިން ތަށި ހޯދައިގެން ސިޓީން ވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ.

ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އިޓަލީގެ އިންޓަރ މިލާންއާއި ދެކޮޅަށް ކުޅުނު ފައިނަލުގައި މެންޗެސްޓަރ ސިޓީން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލު ކޮށްގެން ކުޅުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައިވެސް އިންޓަރ އިން ގޯލެއް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް ވަނީ ނާކާމިޔާބުވެފައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކެވިން ޑިބުރޫނާއަށް އަނިޔާވުމާއެކު ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ފިލް ފޮޑެން ވަނީ ކުޅުމާއި ގުޅިފައެވެ. މިއީ ޑިބުރޫނާ އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގައި ބަދަލު ކުރަން ޖެހުނު ދެވަނަ ފައިނަލެވެ.

ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް ދެވަނަ ހާފު ފަށައިގެން މެޗުގެ 68 ވަނަ މިނެޓުގައި ސިޓީން ވަނީ އެޓީމުގެ ގޯލު ކާމިޔާބުކޮށްފައެވެ. އިންޓަރގެ ޕެނަލްޓީ އޭރިޔާ ރޮނގު މަތިން ސީދާ ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ.

މެންޗެސްޓަރ ސިޓީން ގޯލު ޖަހާ ލީޑު ނެގުމާއި އެކު އިންޓަރ އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ. އެހެން ނަމަވެސް ސިޓީގެ ކީޕަރު ހުށިޔާރި ކަމާއެކު މި ހަމަލާތައް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 88 ވަނަ މެނެޓުގައި އިންޓަރގެ ލުކަކޫ ބޮލުން ގޯލަށް ފޮނުވާލި ހަމަލާވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

1999 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ހެދި ރެކޯޑު 24 އަހަރު ފަހުން ސިޓީއިން މިވަނީ މުގުރާލާފައެވެ. އެފްއޭ ކަޕާއި، ޕްރިމިޔަރ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއިއެކު ސިޓީ ވެގެން ދާނީ މި ރެކޯޑު ހެދި ދެވަނަ އިނގިރޭސި ކުލަބަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙެހެހ

    ފައިސާ ހުރިއްޔާ ވެދާނެ

    4
    13
    • ޕައިސާވާލާ

      ހަމައެކަނި ފައިސާއަކުން ނުވާނެ. މިސާލަކަށް ޕީއެސްޖީ. ވެއްޖެތޯ؟ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާވެސް ހުރީ އެޓީމުގައި. އެވަރަށް ޚަރަދުވެސް ކުރޭ.

  2. ބާބޫ

    މަރްޙަބާ މެންސިޓީ.............ސާބަސް އިންޓަރ

  3. ކޮފީ

    ވަޅޯ ހުރީ ވަރަށް އުފަލުންނެވެ.

  4. ވާފިރު

    ކޮންގްރެޓްސް ސާގިދު🥱💙