މިދިޔަ އަހަރު އިސްކަންދަރު ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް ދިވެހި ޒުވާން ޓީޓީ ކުޅުންތެރިޔާ އާއިޝަތު ރަފާ ނާޒިމް ހޯދައިފި އެވެ.

ރޭ އިސްކަންދަރު ސްކޫލްގައި ބޭއްވި އެ ސްކޫލުގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރަފާއަށް އެންމެ މޮޅު ދަރިވަރުގެ އިނާމު ހަވާލުކޮށް ދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ރަފާ ވަނީ މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފަ އެވެ. އިނގިރޭސި މާއްދާއިން ދުނިޔޭގެ ގަދަ 10 އެއްގައި ވެސް ހިމެނިފައިވާ ކިޔެވުމަށް މޮޅު ރަފާ ވަނީ އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއިި އެކްޓިވިޓީސް ކެޕްޓަންކަންވެސް ކޮށްފަ އެވެ.

ކިޔެވުމުގެ އިތުރުން ރަފާ އަކީ ކުޅިވަރުގެ މައިދާނުގައި ވެސް ފާހަގަކޮށްލެވޭ ކުއްޖެކެވެ. ރަފާގެ ނަން ރާއްޖޭގެ ކުޅިވަރުގެ ފަލަ ސުރުހީތަކުގައިި އެންމެ ފުރަތަމަ ލިޔެވިގެންދިޔައީ 2015 ވަނަ އަހަރުގެ ޓޭބަލް ޓެނިސްގެ ގައުމީ ފައިނަލުގައި، އޭރުގެ ޗެމްޕިއަން އަދި ރާއްޖޭގެ މަޝްހޫރު ޓީޓީ ކުޅުންތެރިއާ މުއީނާ މުހައްމަދަށް ދިން ވަރުގަދަ ފައިޓާ އެކުއެވެ. އެ މެޗުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ރަފާ ވަނީ ޖެހިގެން އައި އަހަރު، އުމުރުން 13 އަހަރުގައި މުއީނާ ބަލިކޮށް ގައުމީ ޗެމްޕިއަންކަން ހޯދާފަ އެވެ.

ރަފާގެ ހުނަރުވެރިކަން ނިމިގެންދިޔަ އިންޑިއަން އައިލޭންޑް އޯޝަން ގޭމްސްގެ ތެރެއިން ވެސް ފެނިގެންގޮސްފައިވެ އެވެ. އޭނާ ވަނީ އައިއޯއައިޖީގައި ޓޭބަލްޓެނިސް ސިންގަލްސް އިވެންޓުން ރިހި މެޑަލް ހޯދުމުގެ އިތުރުން ޓީޓީގެ އަންހެން ބައިގެ ޓީމް އިވެންޓުގައި ރަން މެޑަލް ވެސް ހޯދާފަ އެވެ.

ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ސްކޫލު ދަރިވަރުންނަށްދޭ ކަލާސް އެވޯޑުވެސް ހާސިލްކޮށްފައިވާ ރަފާ ރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން ބުނީ ސްކޫލަކީ ހަމައެކަނި ފޮތްތަކުން ތައުލީމް އުނގެނުމަށް ދާ ތަނަކަށް ބަލައިގެން ނުވާނެ ކަމަށާއި ކިޔެވުމުގެ އިތުރުން އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމަކީ މުހިއްމުކަމެއް ކަމަށެވެ.

"ކިޔެވުމަކީ ހަމައެކަނި ފޮތްތަކަކުން ޢިލްމު އުނގެނުމެއް ނޫން. އަދި ސްކޫލަކީ ހަމައެކަނި ފޮތުން ބަލައިގެން ފިލާވަޅުތައް ދަސްކުރަން އަންނަ ތަނަކަށް ހެދުންވެސް ރަނގަޅެއް ނޫން. ކިޔެވުމުގެ އިތުރުން، އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ މުހިއްމު ކަމެއް. އިތުރު ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުން ކިޔެވުމަށް ރަނގަޅު އަސަރުތަކެއްކޮށް ނަތީޖާ ރަނގަޅު ކުރުމަށްވެސް ވަރަށް ބޮޑަށް ފަސޭހަ ވާނެ،" ރަފާ ބުންޏެވެ.

އިސްކަންދަރު ސްކޫލްގެ ބެސްޓް އޯލް ރައުންޑާ ރަފާ ބުނީ މިއަދާ ހަމައަށް އޭނާގެ ކާމިޔާބީގެ ފަހަތުގައި ތިބި ރަފާގެ މަައިންބަފައިންގެ އިތުރުން އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށާއި އެކުގައި ކިޔެވި ކުލާސް ކުދިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަބޭ2019

    މަރްޙަބާ މަރްޙަބާމަރްޙަބާ

    22
    1
  2. އާމިނާ ފާނު

    މަރްޙަބާ ރަފާ
    ވ.މޮޅު ކުއްޖެއްތީ ކުރިއަށްތާނގައިވެސް ރާއްޖެއަށް ރީތިނަމެއް އަތިރި ކާމިޔާބު މިންވަރު ކުރައްވާށި އާމީން.ރަފާގެ ބެލެނިވެރިންނަށް ޝުކުރިއްޔާ ފަށްފަށުން. އެހެންކުދިން ވެސް މިކަހަލަ ނަމޫނާ ދަރިވަރުން މޮޓޯ އަކަށް ބަލަމާ

  3. ކކކކ

    ވަނަތަކަށް ދިޔަ ތިން އަންހެންކުދިންގެ ސޭޝް އަޅުވަން ޝޭޚް ޢިމްރާން އަށް އުޅުއްވަން ޖެހުނުގޮތުން އަހަރެން އިނީ ލަދުން ބުނާނެ އެއްޗެއް ނޭގިފަ. އިސްކަންދަރު ސްކޫލުން މިކަހަލަ ކަންތަކާ ދެންވެސް ވިސަނާނެކަމަށް އުއްމީދުކުރަން

  4. އިންފޯ

    ނޯޓު: މިއީ ޔާމީން ސަރުކާރުގެ ހެލްތު މިނިސްޓަރ ނާޒިމް ގެ ދަރި.
    މަރުހަބާ ?

    17
    1