އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ވޮލްވަހޭމްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު 5-2ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފި އެވެ.

އިނގިރޭސި ފޯވަޑް ޓޭމީ އަބްރަހަމްގެ ހިތްގައިމު ހެޓްރިކެއް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީވެސް ޗެލްސީންނެވެ. ވޮލްވްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ކަނަށް އަމާޒުވިއިރު އެއީ ޓޮމޯރީ ޗެލްސީ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ކެނެޑާގެ ޒުވާން ޑިފެންޑަރުގެ ލަނޑަށްފަހު އިނގިރޭސި ޒުވާން ފޯވަޑް އަބްރަހަމް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ކާމިޔާބުކޮށް ޗެލްސީއަށް 3-0ގެ ބޮޑު ލީޑެއް ހޯދައިދީފަ އެވެ.

ފުރަތަމަ ހާފުގައި ލަމްޕާޑުގެ ޗެލްސީން މޮޅަށް ކުޅުނު އިރު އެޓީމުން ދެވަނަ ހާފާއި ކުރިމަތިލީވެސް އެ އަޒުމުގަ އެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް އަބްރަހަމް ވަނީ މެޗުގައި އޭނާގެ ތިންވަނަ ލަނޑު ޖަަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެ ލަނޑަކީ މި ސީޒަންގައި 21 އަހަރުގެ ކުޅުންތެރިއާ ކާމިޔާބުކޮށްދިން ހަތްވަނަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ. މިރޭގެ މެޗުގައި އަބްރަހަމް ހެދި ހެޓްރިކާއެކު އަބްރަހަމް ވެފައިވަނީ ޗެލްސީގެ ތާރީހުގައިވެސް އެޓީމަށް ހެޓްރިކެއް ކާމިޔާބުކޮށްދިން އެންމެ ޒުވާން ކުޅުންތެރިއާ އަށެެވެ.

މެޗުގެ ފަހު 30 މިނެޓަށް ދިޔައިރު ޗެލްސީ އޮތީ 4 ލަނޑުގެ ބޮޑު ލީޑެއްގަ އެވެ. ނަމަވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި އަބްރަހަމް އަަށް ހެދުނު ގޯހެއްގައި ބައިކޮޅަށް ލަނޑަށް ވަދެ ވޮލްވްސް އަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް އާވި އެވެ. އޭގެ ފަހުން 85 ވަނަ މިނެޓުގައި ޕެޓްރިކް ކުޓްރޯން ވަނީ ލަނޑެއް ޖަހައި ވޮލްްވްސް އަށް ފަރަގު ކުޑަކޮށްދީފަ އެވެ. 4-2ގެ ނަތީޖާއަކުން ޗެލްސީ މޮޅުވަމުންދަނިކޮށް ޗެލްސީ އަށް ފަރަގު ބޮޑުކޮށްދިނީ މި ސީޒަންގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރު މޭސަން މައުންޓް އެވެ.

ވޮލްވްސް އަތުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ ވަނީ އިނގިރޭސި ލީގު ތާވަލުގެ ހަވަނަ އަށް ޖެހިލާފަ އެވެ. ވޮލްވްސް އޮތީ ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގަ އެވެ.