އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އާއި ވެޓްފޯޑް ބައްދަލުކުރި މެޗު ދެޓީމު އެއްވަރުވެގެން ނިމިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ވެޓްފޯޑްގެ ދަނޑުގައި މިދެޓީމު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 2-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަަވެސް ވެޓްފޯޑް އިން ވަނީ ދެވަނަ ހާފުގައި ފަހަތުން އަރައި މެޗު އެއްވަރުކޮށްފަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު އާސެނަލް އަށް ލިބިފައިވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ. ތާވަލުގެ ހަތްވަނައިގައި އެޓީމު އޮތްއިރު ވެޓްފޯޑް އޮތީ ދެ ޕޮއިންޓާއެކު ތާވަލުގެ ފުލުގަ އެވެ.

މިރޭގެ މެޗުގައި އާސެނަލް އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފޯވަޑް ޕިއެރޭ އެމެރިކް އައުބާމެޔާންގް އެވެ. އަައުބާމެޔާންގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޑިފެންޑަރު ސީޑް ކޮލާސިނާޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުއިރު އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 32 ވަނަ މިނެޓުގައި މެއިޓްލޭންޑް ނައިލްސް އުފެއްދި ހަމަލާއެއްގަ އެވެ.

އައުބާގެ ދެ ލަނޑުން އާސެނަލް އިން އުފާވެރިކޮށް ފުރަތަމަ ހާފު ނިންމާލިކަމުގައިވިޔަސް ދެވަނަ ހާފުގައި ވެޓްފޯޑުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް އާސެނަލްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ފެންނަން މާގިނައިރުތަކެއް ނުނެގި އެވެ. ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ޖެރާޑް ޑެއުލެފޫ ހޯދައިދިން ފުރުސަތެއްގައި ޓޮމް ކްލެވަލީ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ވެޓްފޯޑުން އާސެނަލް އަށް ޕްރެޝަރު ބޮޑުކުރި އެވެ.

2-1ގެ ނަތީޖާއަކުން އާސެނަލް މޮޅުވަމުންދަނިކޮށް ވެޓްފޯޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލިބުުނު ޕެނަލްޓީ އެއްގައި ރޮބާޓޯ ޕެރޭރާ އެވެ.