އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ފަސް ރައުންޑް ކުޅެފައިވާއިރު ލަނޑު ލިސްޓުގެ ކުރިން އާ މޫނުތަކެއް ވަނީ ފެނިފަ އެވެ. އެގޮތުން މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިއަކީ ޗެލްސީ އަށް ކުޅެމުން އަންނަ 21 އަހަރުގެ ފޯވަޑް ޓޭމީ އަބްރަހަމް އެވެ.

ޗެލްސީގެ އެކަޑަމީން ކުރިއަރަމުން ގޮސް އެކި ކުލަބްތަކުން ތަޖުރިބާ ހޯދައިގެން އައިސް ހުރި އަބްރަހަމް އަކީ މިހާރު ޗެލްސީގެ ފުރަތަމަ އެގާރައިގެ ތެރޭގައި ހިމެނޭ އެޓީމުގެ ފުރަތަމަ ޗޮއިސް ސެންޓަ ފޯވަޑެވެ. އެންމެ ފަހުން ޗެލްސީ ކުޅުނު ތިން މެޗުގައި ހަތް ލަނޑު ޖަހާފައިވާ އަބްރަހަމް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވޮލްވްސް ކޮޅަށް ހެޓްރިކް ހަދައި ޗެލްސީގެ ތާރީހުގައިވެސް ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިއާގެ ޝަރަފުު ހޯދާފަ އެވެ.

ވޮލްވްސް އާއި ދެކޮޅަށް ކުޅެ މޭން އޮފް ދަމެޗުގެ މަގާމް ހޯދި އަބްރަހަމް ބުނީ މި ސީޒަންގައި އަނިޔާ އިން ސަލާމަތްވެ ފިޓްކޮށް ހުރެއްޖެނަމަ މިއީ އޭނާގެ ސީޒަން އަށް ވެދާނެ ކަމަށާއި ކްލަބާއެކު ކާމިޔާބު އަހަރެއް ހޭދަކުރުމަށް ގަދައަޅައި މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

''އަހަރެން ގަބޫލުކުރާ ގޮތުގައި ފިޓްކޮށް ހުރެއްޖެނަމަ މިއީ އަހަރެންގެ ސީޒަނަށް ވެދާނެ. އަހަރެން މި އަންނަނީ މި ޓީމާއެކު ކާމިޔާބު ސީޒަނެއް ހޭދަކުރުމަށް ވަރަށް ގަދަ އަށް މަސަތްކަތްކުރަމުން، އެހެން އެއްވެސް ކަމަކަށް ފޯކަސް ކުރަން ބޭނުމެއް ނުން. ހިތްވަރާއެކު މަސަތްކަތް ކޮށްފިއްޔާ ކާމިޔާބު ލިބޭނެ،'' އަބްރަހަމް ބުންޏެވެ.

އަބްރަހަމް ބުނީ ވޮލްވްސް މެޗުގެ ހާފްޓައިމްގައި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑުގެ ފަރާތުން ވަރަށް ހިތްވަރު ލިބިގެންދިޔަ ކަމަށާއި ލަމްޕާޑުގެ އެހިތެރިކަމާއެކު އޭނާ ކުރަމުން އަންނަ ބުރަ މަސަތްކަތްތަކުގެ ފޮނި ރަހަ ލިބެމުންދާތީ އުފާވާ ކަމަށެވެ.

''އެ މެޗުގެ ހާފްޓައިމްގައި ކޯޗު ބުނި އަހަރެން ކައިރީ ދެވަނަ ހާފަށް ނުކުމެ ހެޓްރިކް ފުރިހަމަ ކުރާށޭ. އެއީ އަހަރެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް. އަހަރެންގެ ޒިންމާއެއް ޓްރެއިނިންގައި ހިތްވަރާއެކު މަސަތްކަތްކޮށް ދަނޑުމަތީގައި ނަތީޖާ ނެރުން. އެހެންވެ ވަރަށް ފޯކަސްކޮށްގެން މެޗު ތެރޭގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފޭތޯ ވަރަށް ބަަލަން،'' އަބްރަހަމް ބުންޏެވެ.

ޗެލްސީގެ ކޯޗު ކަމާއި އެ ކްލަބުގެ ކުރީގެ ކުޅުންތެރިއާ ފްރޭންކް ލަމްޕާޑު ހަވާލުވިފަހުން އެޓީމުން ލީގުގައި ޖަހާފައިވާ ހުރިހާ ލަނޑެއްވެސް ކާމިޔާބުކޮށްފައިވަނީ އެކަޑަމީން ކުރިއަރައިގެން އައި ކުޅުންތެރިންނެވެ. އަބްރަހަމްގެ އިތުރުން އުމުރުން 20 އަހަރުގެ މިޑްފީލްޑަރު މޭސަން މައުންޓް އާއި 21 އަހަރުގެ ޑިފެންޑަރު ފިކާޔޯ ޓޮމޯރީ އަންނަނީ ޗެލްސީ ޖާޒީގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކައި މީޑިއާގެ ސަމާލުކަން ހޯދަމުންނެވެ.