އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އަންހެން ކެޓަގަރީގެ ގުރޫޕް ބައިގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ތުރުކަމިނިސްތާން ކައިރިން މޮޅުވެއްޖެ އެވެ.

ވާދަވެރި ކުޅުމަކަށްފަހު ރާއްޖެ ގްރޫޕްގެ ފަހު ކުރިމަތިލުމުގައި ތުރުކަމިނިސްތާނު ބަލިކޮށްފައިވަނީ 2-3 އިން ކުރި ހޯދައިގެންނެވެ. ގްރޫޕްގައި ރާއްޖެ ކުރިން ކުޅުނު މެޗުތަކުގައި ސިންގަޕޫރާއި ސްރީ ލަންކާ އަތުން ބަލިވެފައިވުމުން ތުރްކަމިނިސްތާނު މެޗައް ނުކުތް އިރުވެސް ދިވެހި ޓީމަށް އަނެއް ބުރަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން 0-3 އިން ރާއްޖެ ބަލިވި އިރު ސްރީ ލަންކާ އާއި ވާދަކޮށް ދިވެހި ޓީމު ބަލިވީ 1-3 ސެޓުންނެވެ.

ތުރްކަމިނިސްތާނާއި ދެކޮޅަށް ރާއްޖޭގެ ދީމާ އަލީ ކުޅެ ސީދާ ތިން ސެޓުން ފުރަތަމަ މެޗު ކާމިޔާބުކުރިއިރު ދެވަނަ މެޗުގައި އައިޝަތު ރަފާ ނާޒިމް ވަނީ ތިން ސެޓުން ބަލިވެފައެވެ. ތިންވަނަ މެޗުގައި ވާދަ ކުރި ލައިޝާ ފަތުހުﷲ ވެސް ވަނީ 2-3 އިން ބަލިވެފަ އެވެ. ނަމަވެސް ހަތަރުވަނަ މެޗު 1-3 އިން ދީމާ މޮޅުވިއިރު ފަހު މެޗުގައި 1-3 އިން ސެޓުތައް ކާމިޔާބުކޮށް ރަފާ ނާޒިމް ހޯދި މޮޅާއެކު ރާއްޖެ އަށް ކުރިލިބުނެވެ.

އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން މި ފަހަރު ބައިވެރިކޮށްފައިވަނީ އަންހެން ޤައުމީ ޓީޓީ ޓީމު އެކަންޏެވެ. މި މުބާރާތުގެ ގުރޫޕް ބައިގެ ކުޅުން ރާއްޖެއަށް ނިމިފައިވީ ނަމަވެސް ސިންގަލްސް އަދި މިކްސް ޑަބަލްސްގެ މެޗުތައް ރާއްޖެއަށް އަދި އެބަ އޮތެވެ. އެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕުގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ 23 ގައުމަކަށް ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕުން ފުރުސަތު ލިބިގެންދާނެ އެވެ.