އަންނަ އަހަރުގެ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް އަނެއްކާވެސް ބަންގްލަދޭޝްގައި ބާއްވަން ނިންމައިފި އެވެ.

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ސާފް ސުޒުކީ ކަޕްގެ 13 ވަނަ މުބާރާތް ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވަނީ އިއްޔެ މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގައި ބޭއްވި ސާފް ކޮންގްރެސްގަ އެވެ.

މީގެ ކުރިން 2003، 2009 އަދި މިދިޔަ އަހަރުގެ މުބާރާތާއެކު ޖުމްލަ ތިން ފަހަރު ބަންގްލަދޭޝްގައި މިހާތަނަށް މި މުބާރާތް ވަނީ ބާއްވާފަ އެވެ. އަންނަ އަހަރުގެ މުބާރާތާއެކު ސާފް ސުޒުކީ ކަޕް އެންމެ ގިނަ ފަހަރު ބޭއްވޭ ގައުމަށް ބަންގްލަދޭޝް ވެގެންދާނެ އެވެ.

އިއްޔެ ބޭއްވި ސާފްގެ ކޮންގްރެސްގައި މެންބަރު ގައުމުތަކުގެ މަންދޫބުގެ އިތުރުން ސާފްގެ ރައީސް ކާޒީ އެމްޑީ ސަލާހުއްދީނާއި ނައިބު ރައީސުން ކަމަށްވާ ޕާކިސްތާނުގެ ޚާދިމް އަލީ ޝާހު އާއި ނޭޕާލްގެ މާނީ ކަންވާރު ބައިވެރިވެވަޑައިގެންނެވި އެވެ. އިއްޔެގެ ކޮންގްްރެސްގައި ސާފް ސުޒުކީ ކަޕް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ނިންމާފައިވާއިރު ފަނަރަ އަހަރުން ދަށުގެ އަންހެން މުބާރާތް އޮގަސްޓު މަހު އަދި އެ އުމުރުފުރާގެ ފިރިހެން މުބާރާތް އޮކްޓޫބަރު މަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ސާފްގެ ގައުމުތަކުގެ މެދުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރަކު ބާއްވަމުން އަންނަ ސާފް ސުޒުކީ ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދިވެހިރާއްޖެ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ހަތް ތައްޓާއެކު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ 2-1ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ރާއްޖެ ވަނީ 2008ގެ ފަށުން ފުރަތަމަ ފަހަރަށް ސާފްގެ ތަށި އުފުލާލާފަ އެވެ.