އިއްޔެ މާލޭގައި ފެށި ބައިނަލްއަގުވާމީ ޓެނިސް މުބާރާތް ކަމަށްވާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ ފިރިހެން ސިންގަލްސް ފުރަތަމަ ބުރުގައި ގައުމީ ޗެމްޕިއަން މުހައްމަދު އަޖުފާން ކުޅުނު މެޗުން މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލުގައި އިއްޔެ ކުޅުނު މެޗުން އަޖުފާން މޮޅުވީ މެލޭޝިއާގެ ކްރީތިކް ރަމޭޝްއާ ވާދަކޮށް 21-12، 21-19 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި އަޖުފާން ރަނގަޅު ލީޑެއް ނަގައި ހަމަޖެހިލައިގެން ކުޅުނު ނަމަވެސް ދެ ވަނަ ސެޓުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް އޭނާ އަށް ކުރިމަތިވި އެވެ. ދެ ވަނަ ސެޓު ފެށިގެން ރަމޭޝް ލީޑެއްގައި އޮތް ނަމަވެސް ފަހަތުން އަރައި އަޖުފާން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި އޭނާ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ.

ދެ ވަނަ ބުރުގައި މިއަދު އަޖުފާން ބައްދަލުކުރާނީ އިންޑިއާގެ ރާޖޭސަކަރަންއާ އެވެ. އަޖުފާންގެ އިތުރުން ފިރިހެން ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ޒަޔާން ޒަކީ ވެސް ކުޅޭނެ އެވެ. ޒަޔާން ނުކުންނާނީ މެލޭޝިއާގެ ބްރަޔާން ލުންއާ ދެކޮޅަށެވެ.

އިއްޔެ ފިރިހެން ސިންގަލްސް ބައިގައި ޒުވާން ކުޅުންތެރިޔާ އަހުމަދު ނިބާލް ވަނީ ފޯރިގަދަ މެޗަކަށް ފަހު ތައިލެންޑްގެ ޕަކާޕޮން އަތުން ބަލިވެފަ އެވެ. އެ މެޗުން ނިބާލް ބަލިވެފައިވަނީ 17-21، 21-11 އަދި 21-18 އިންނެވެ.

ފިރިހެން ސިންގަލްސްގައި ރާއްޖޭގެ އެހެން ކުޅުންތެރިންގެ ނަތީޖާ އަށް ބަލާއިރު، އައްފާން އަލީ ވަނީ އިންޑިއާގެ ތަރުން އަތުން 21-08، 21-04 އިން ބަލިވެފަ އެވެ. އިންޑިއާގެ އަންސަލް ޔާދަވް އަތުން ރާއްޖޭގެ މުހައްމަދު ސޮބާހު ބަލިވީ 21-07، 21-10 އިންނެވެ. ރާއްޖޭގެ ތޯއިފް އަހުމަދު ބަލިވީ ޗައިނީސް ޓައިޕޭގެ ލޫ ޝިއާ އަތުން 21-10، 21-07 އިންނެވެ. އިންޑިއާގެ ރަގޫ އަތުން ރާއްޖޭގެ މުހައްމަދު އާކިފް ބަލިވީ 21-09، 21-07 އިންނެވެ. އަދި މެލޭޝިއާގެ ޔީ އަތުން ރާއްޖޭގެ އިބްރާހިމް ރާޝިއު ބަލިވީ 21-03، 21-10 އިންނެވެ.

މުބާރާތުގައި މިއަދު އަންހެން ސިންގަލްސް މެޗުތައް ވެސް ކުޅޭނެ އެވެ. އެ ގޮތުން ރާއްޖޭގެ މާޝާ ރަޝީދު، އައިމިނަތު ޝަހުރުނާޒް، ނީލާ ނަޖީބު އަދި ފާތިމަތު ނަބާހާ ކުޅޭ މެޗުތައް އޮންނާނެ އެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބެޑްމިންޓަން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މިހާރު ކުރިއަށްދާ ފިއުޗާ ސީރީސް އަށް ފަހު މި މަހު 24 އިން 29 އަށް މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި އިތުރު ބައިނަލްއަގުވާމީ މުބާރާތެއް އޮންނާނެ އެވެ. އެ މުބާރާތުގައި 45 ގައުމަކުން 268 ކުޅުންތެރިން ވާދަކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސީ

    ސަރުކާރުން ބޮޑުހަރަދެއް ކޮންގެން މަރާމާތުކުރި ތަނުގެގެ ހޯލްތެރެޔައް ޔާރޭވެހޭތީ މިއަދުވެ ސް އެތައް ފަހަރަކު ކުޅުން ހުއްޓާލަންޖެހުނު ފުޜާޅު އެއްކޮއް ބަދަލުކުރި ކަމައްބުނަނީ މިހާރު ފެންނަމަނަޒަރުތަކުން މިކަމުގާ ކޮރަޕްސަން އިންތިހާއައް އެކުލެވޭކަމައް ލަފާކުރެވޭ