ރާއްޖޭގައި ބޭއްވި ލިނިންގ މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފިއުޗަރ ސީރީސްގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އިންޑިއާގެ އަށާރަ އަހަރުން ދަށުގެ ބެޑްމިންޓަން ޗެމްޕިއަން މަލްވީކާ ބަންސޯދް ހޯދައިފިއެވެ.

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން މަލްވީކާ ބަންސޯދް ފައިނަލްގައި މިޔަންމާގެ ތަރް ތުޒާރު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ފަސޭހަކަމާއެކު މެޗުގެ ފުރަތަމަ ސެޓު މަލްވީކާ ކާމިޔާބުކުރީ 21-13 އިންނެވެ. ދެވަނަ ސެޓުވެސް އޭނާ ގެންގޮސްފައިވަނީ މާބޮޑު އުނދަގުލެއް ނެތި 21-11 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މަލްވީކާ ބުނީ، މިއީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ޚާއްސަ ކާމިޔާބީއެއް ކަމަށާއި، ސީނިއާ ލެވެލްގައި ވާދަކުރި ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ރަންމެޑެއްޔަކާއެކު ނިންމާލެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެކަމަށެވެ. އަދި މެޗު ހީކުރިވަރަށްވުރެ ފަސޭހަ ކަމަށާއި، ފުރަތަމަ ސެޓުގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބުމާއިއެކު މެޗުގެ ބާކީބައި ކުޅުނީ އެއްވެސް ހާސްކަމެއް ނެތިކަމަށެވެ.

"އަހަރެންވެސް އުއްމީދެއްވެސް ނުކުރަން ސީދާ ދެ ސެޓުން މެޗް ދާނެކަމަށް. ހީކޮށްގެން ހުރީ މެޗް ވަރަށް އުދަގޫވާނެކަމަށް. އެކަމަކު ފަސޭހަކަމާއެކު މެޗު ނިންމާލެވުނީމި. އިންޓަނޭޝަނަލް ސްޓޭޖްގަ ވާދަކުރި ފުރަތަމަ މުބާާރާތް މިއީ. މި މުބާރާތް ރަން މެޑެއްޔަކާއެކު ނިންމާލެވުމުން އުފާވޭ. މިއީ ވަރަށް ހާއްސަ ކާމިޔާބީ އެއް، " އިންޑިޔާގެ ޖޫނިއަރ ޗެންޕިއަން މަލްވީކާ ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މިޔަންމާގެ ތެޓް ތުޒާރު ބުނީ، މެޗުން ބަލިވީ އޭނާއަށް ނުކުޅެވިގެން ކަމަށާއި، އިދިކޮޅު ކުޅުންތެރިއާ ތަފާތު ބޮޑު ނަތީޖާއަކުން ފުރަތަމަ ސެޓު ގެންދިއުމުން ދެވަނަ ސެޓަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރިކަމަށެވެ.

"މެޗުގައި ވީގޮތް މާބޮޑަކަށް ކިޔައިދޭން އަހަންނަކަށް ނޭނގޭ. ރަނގަޅަށް ނުކުޅެވުނީމަ ހަގީގަތުގައި ބަލިވެގެން މިދިޔައީ. މަލްވިކާ ވަރަށް މޮޅަށް ކުޅުނު، މިކަހަލަ މުބާރާތްތައް ކާމިޔާބުކުރުމަށް އަދި ގިނަ މަސައްކަތްތަކެއް އެބަޖެހޭ ކުރަން، " މިޔަންމާގެ ތެޓް ތުޒާރު ބުންޏެވެ.

ހަ އަހަރަށްފަހު ރާއްޖޭގައި ފެށި ފުރަތަމަ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގައި 15 ގައުމަކުން 108 ކުޅުންތެރިން ވާދަކޮށްފައިވެ އެވެ.

ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ މާދަމާ އިން ފެށިގެން މި މަހުގެ 29 އަށް ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި މުބާރާތުގައި 45 ގައުމަކުން 268 ކުޅުންތެރިން ވާދަކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.