ލިއޮނަލް މެސީގެ ހެޓްރިކާ އެކު 1-3 އިން ލެގަނޭސް ބަލިކޮށް، ސްޕެނިޝް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމުގެ ރެކޯޑާއި ބާސެލޯނާ އިން އަރާ ހަމަކޮށްފިއެވެ.

ރޭގެ މޮޅާ އެކު ބާސާ ލީގުގެ އެއްވަނައިގައި މިހާރު އޮތީ 79 ޕޮއިންޓާ އެކުއެވެ. ބާސާ އަށް ވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ ދެވަނައިގައި 67 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ތިންވަނައިގައި 63 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.

ސްޕެނިޝް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމުގެ ރެކޯޑު މީގެ 38 އަހަރު ކުރިން ހަދާފައިވަނީ ރެއާލް ސޮސިއެޑާޑުންނެވެ. އެ ރެކޯޑު އެ ޓީމުން ހެދީ ލީގުގައި ބަލިނުވެ 38 މެޗު ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑާއި ބާސާ އިން ރޭ އަރާ ހަމަކުރިއިރު އެޓީމު އެންމެފަހުން ލީގުގައި ބަލިވެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު މަލާގާއާ ބައްދަލުކޮށް 0-2 އިންނެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު އެޓީމުން ކާމިޔާބުކުރީ މެޗުގެ 27 ވަނަ މިނެޓްގައެވެ. ބާސާ އަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ މެސީއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ކުޓީނިއޯ ދިން ޕާހަކުން ބާސާގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ މެސީއެވެ.

ދެ ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ބާސާ އިން ނިންމާލިއިރު ދެވަނަ ހާފްގައި ލެގަނޭސް އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓްގައި އެލްޒާރް ވަނީ ލެގަނޭސް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މެސީ ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ މެސީ އޭނާގެ ކެރިއަރުގައި ހެދި 45 ވަނަ ހެޓްރިކެވެ.

ރޭގެ މެޗުގައި މެސީ ކާމިޔާބުކުރި ތިން ގޯލާއެކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 29 އަށް އަރާފައެވެ.

ސްޕެނިޝް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމުގެ ރެކޯޑާ ބާސާ އިން އަރާ ހަމަކުރިއިރު މި ރެކޯޑު މުގުރާލުމަށް އަންނަ ހަފްތާގައި ބާސާ އިން ނިކުންނާނީ ވެލެންސިޔާއާ ދެކޮޅަށެވެ.