ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އިޓަލީގެ އިންޓަ މިލާން ކައިރިން މޮޅުވެ ސްޕެއިންގެ ބާސެލޯނާ އިން ތާވަލުގެ ކުރިއަށް ޖެހިލައިިފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކޭމްޕް ނޫގައި ކުޅުނު މެޗު ބާސާ އިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އިންޓަ އިންނެވެ. އެގޮތުން މި ލަނޑު މެޗުގެ ފަށައިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވަޑް ލައުޓަރޯ މާޓިނެޒް އެވެ. ބާސާގެ ޑިފެންސް ލައިން ފޫއަޅުވާލައި އިންޓަގެ ކުޅުންތެރިއަކު މާޓިނެޒް އަށް ދިން ބޯޅަ ހިފައިގެން ކުރިއަށް ގޮސް އޭރިއާ ތެރެއަށް ވަދެ އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

މާޓިނެޒްގެ ލަނޑާއެކު ކޭމްޕްނޫ ހަމަހިމޭންވެގެންދިޔައިރު ރައްދުގައި ބާސާ އިން މެޗު ތެރެއަށް އެނބުރި ވަނުމަށްޓަކައި މަސަތްކަތްކުރަން ފެށިއެވެ. އެގޮތުން ފުރަތަމަ ހާފު މުޅިންހެން ޑޮމިނޭޓްކޮށްގެން ކުޅުނީ ބާސާ އެވެ. ލީގުގައި ވިޔަރެއާލް އާއި ވާދަކުރި މެޗުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޖެހިގެން އައި މެޗުގައި ނުކުޅެވުނު ކެޕްޓަން ލިއޮނެލް މެސީ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނުއިރު މެސީ ވަނީ ފުރަތަމަ ހާފުގައި އިންޓަގެ ގޯލު ފޫއަޅުވަން ވަރަށް މަސަތްކަތްކޮށްފަ އެވެ. ބާސާ އިން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް މާ ހުސް ފުރުސަތުތަކެއް އެޓީމަކަށް އުފެއްދޭގޮތެއްނުވި އެވެ. އޭގެ ބަދަލުގައި ކައުންޓާގައި އިންޓަ އިން ދިޔައީ އިރުއިރުކޮޅާ ކޮންމެވެސް ވަރަކަށް ބާސާގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ،

މެޗުގައި ތިރީހަކަށް މިނެޓު ކުޅެވުނު ފަހުން އިންޓަގެ ފޯވަޑް އެލެކްސިޒް ސަންޗޭޒް އަށް ބާސާގެ އޭރިއާ ތެރެއިން ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑުން އިޓަލީ އަށް ބަދަލުވި ސަންޗޭޒް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޑިފެންޑަރު ނެލްސަން ސެމެޑޯ އެވެ. ސަންޗޭޒްގެ ހަމަލާ ސެމެޑޯ ދިފާއުކުރި އިރު ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މާޓިނެޒް ވަރަށް ހުސްކޮށްހުރެ ބޮލުން ފޮނުވާލި ބޯޅައެއް ކީޕަރު ޓާސްޓެޖަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

ފުރަތަމަ ހާފު އެއް ލަނޑު ފަހަތުގައި އޮވެ ނިންމާލަން ޖެހުމާއެކު ބާސާ އިން ދެވަނަ ހާފާއި ކުރިމަތިލީ އެޓޭކް އަށް ވިސްނައިގެންނެވެ. ކުރިއަށްވުރެ ބޮޑަށް މެސީ ޓީމުގެ މެދުތެރެއަށް ފައިބައިގެން ހަމަލާތަކެއް އުފެއްދޭތޯ މަސަތްކަތްކުރަމުންދިޔަ އިރު ބާސާ އަށް އުއްމީދު އާވެގެންދިޔައީ 58 ވަނަ މިނެޓުގައި ސުއަރޭޒް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ. އޭރިއާ ބޭރުން ބާސާ ކުޅުންތެރިއަކު ނަގައިދިން ހުރަސް އުރުގުއޭގެ ފޯވަޑް ގޯލުގެ ކަނަށް ފޮނުވާލީ އެއް ޝޮޓުންނެވެ.

ސުއަރޭޒްގެ ލަނޑާއެކު ބާސާ އަށް މެޗުގެ ކޮންޓްރޯލް އަލުން ލިބިގެންދިޔައެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ބޮޑަށް ބޯޅަ ޑޮމިނޭޓްކޮށްގެން ކުޅުނީ ބާސާ އެވެ. މެޗުގެ ޓެމްޕޯ އަވަސްކޮށްލުމުގެ ބޭނުމުގައި ބާސާގެ ކޯޗު އެރްނެސްޓޯ ވަލްވާޑޭ ވަނީ ފަހު ކޮޅުގައި އަރްޓޫރޯ ވިޑާލް އާއި އުސްމާން ޑެމްބެލޭ ކުޅެން އަރުވާފަ އެވެ.

ބާސާ އަށް މެޗުން ތިން ޕޮއިންޓް ކަށަވަރުވެގެންދިޔައީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސުއަރޭޒް އޭނާގެ ދެވަނަ ލަނޑު ޖެހުމުންނެވެ. އިންޓަގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މެސީ ދިން ބޯޅައާއެކު ދެތިން ފިޔަވަޅު ކުރިއަށް ޖެހިލައި ސުއަރޭޒް ފޮނުވާލި ބޯޅަ ކީޕަރު ގައިގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ. ސުއަރޭޒްގެ ލަނޑަށްވުރެ ކުރިން ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރީޒްމަން އަށް ވަނީ ބާސާ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން މެސީ ދިން ބޯޅައެއްގައި ގްރީޒްމަން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި ނަތީޖާއާއެކު ބާސާ ވަނީ ދެ މެޗުން ހަަތަރު ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ދެވަނަ އަށް ޖެހިލާފަ އެވެ. ފައިދާ ލަނޑުގެ ތަފާތުން އެއްވަނައިގައި ބޮރޫޝިއާ ޑޯޓްމައުންޑް އޮތްއިރު އެޓީމުން ވަނީ މިރޭ ގްރޫޕްގެ ފުލުގައި އޮތް ސްލާވިއާ ޕްރާހާ އާއި ދެކޮޅަށް ކުޅެ 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ. ގްރޫޕްގެ ތިންވަނަ މަގާމުގައި އިންޓަ އޮތީ ދެ މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ.