ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ މިޞްރާބު ހިމެނޭ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކޮށްފައިވަނީ ރޭގަ އެވެ.

މިއީ، ސަރުކާރުގެ ވަޢުދުތައް ހާސިލުކުރާނެ ގޮތުގެ މަޝްވަރާ ހޯދައި، ވަގުތު ތާވަލު ހަދައި، ވިލަރެސްކޮށް، ކަރުދާހަށް ތިރިކޮށްފައިވާ، ކަންކުރާނެ ގޮތުގެ ސިޔާސަތު ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ފަސް އަހަރު މި ގައުމު ހޯދާނެ ކަމަށް ބެލެވޭ ތަރައްގީގެ މިޞްރާބު ހިމެނޭ ޕްލޭނެކެވެ.

އެގޮތުން ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އިން ކަނޑައަޅާފައިވާ ޓާގެޓުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ އިންޑިއަން އައިލޭންޑް އޯޝަން ގޭމްސްގައި މަދުވެގެން 70 މެޑަލް ކާމިޔާބުކުރުން ހިމެނެ އެވެ. ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރު އާއިލާ އެކުވެގެން ކުރި މަސައްކަތުން ރާއްޖެ އިން ދެން އޮންނަ އައިއޯއައިޖީ ބޭއްވުމުގެ ބިޑް ކާމިޔާބު ކޮށްފައިވާއިރު މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި ސްޕޯޓްސް ކުޅިވަރު މުބާރާތެވެ.

ޔޫތު މިނިސްޓްރީން އަންނަނީ މި ކުޅިވަރު އީދު ކާމިޔާބުކަމާއެކު މިގައުމުގައި ބާއްވައި ނިމިގެންދިޔަ އައިއޯއައިޖީގައި ލިބުނު ކާމިޔާބީއަށްވުރެ އެތައް ގުނަ ބޮޑު ކާމިޔާބީއެއް 2023 ގައި ހާސިލްކުރަން މިހާރުން ފެށިގެން މަސަތްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަށް ވާސިލްވުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ތަރައްގީކުރަން ހަމަޖެހިފައި ވަނީ މި ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭނުގެ ތެރެއިންނެވެ. އެ ގޮތުން ފަސް ސަރަހައްދެއްގައި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މަސަތްކަތްތަކުގެ ތެރެއިން މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސަތްކަތް ފަށާފައިވާއިރު ދާދި ފަހުން ވަނީ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލަށްވެސް ބޮޑެތި މަރާމާތު ގެނެސް އިތުރު ކޯޓުތަކެއް އެތަނުގައި ގާއިމްކޮށްފަ އެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ އައިއޯއައިޖީ އަކީ 1977 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގައި މިހާރު ރާއްޖޭގެ އިތުރުން މޮރިޝަސް، ސީޝެލްސް، ކޮމޯރޯސް، މަޑަގަސްކަރަ، މަޔޯޓީ އަދި ރީޔޫނިއަން އިން ބައިވެރިވެއެވެ.

2015 ވަނަ އަހަރުން ފެށިގެން އައިއޯއައިޖީ ގައި ރާއްޖެ އިން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެއަހަރުގެ މުބާރާތުގައި ރާއްޖެ އިން ފުރަތަމަ ފަހަރަށް މަލްޓި ގޭމްސް އިވެންޓަކުން ރަން މެޑަލް ހޯދި އެވެ. އެމުބާރާތުގައި ރާއްޖެ އިން ޖުމްލަ ނުވަ މެޑަލް ހޯދިއިރު މިއަހަރުގެ ގޭމްސްގައި ރާއްޖެ އިން ވަނީ މުބާރާތުގެ ކުރިން ކަނޑައެޅި އަމާޒު ކަމުގައިވާ 15 މެޑަލް ކާމިޔާބުކޮށްފަ އެވެ.

ރާއްޖެ ވަނީ މިފަހަރު ހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. އެއީ އަންހެން ސިންގަލްސް ބައިން ފާތިމަތު ދީމާ ހޯދި ރަން މެޑަލާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ. މިއީ ބެޑްމިންޓަން ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ.

ރާއްޖޭން މި ފަހަރު ވަނީ ހަތަރު ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް އިން މުއީނާ އާއި ޖުމާނާ ހޯދި ރިހި މެޑެއްޔާއި ވިމެންސް ސިންގަލްސް އިން ރަފާ ހޯދި ރިހި މެޑެއްޔާއި ބެޑްމިންޓަނުގެ ވިމެންސް ޑަބަލްސް އިން ނަބީހާ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ހޯދި ރިހި މެޑެއްޔާއި ބީޗް ވޮލީބޯޅައިން ޓީމު އިވެންޓުން ހޯދި ރިހި މެޑެއްޔެވެ.

މި ފަހަރު ރާއްޖެ ޓީމަށް ވަނީ ހަތް ލޯ މެޑަލް ލިބފައެވެ. އެތުލެޓިކްސްގެ 200 މީޓަރު ދުވުމުން ހަސަން ސާއިދު، ޕެރެ 100 މީޓަރު ދުވުމުން މުހައްމަދު މާޒިން އަދި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި އެވެ. އަނެއް ހަތަރު ލޯ މެޑެއްޔަކީ ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓުންނާއި ފިރިހެން ޓީމު އިވެންޓުން އަދި މިކްސް ޑަބަލްސް އިވެންޓުން މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ހޯދި ލޯ މެޑަލް އަދި ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް އިވެންޓުން ޝިއުނާޒް އަބްދުލްވާހިދު (މަންކޭ) އަދި އާދަމް ނަސީމް (އެޑަމް) ހޯދި ލޯ މެޑެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބޯގަންވިލާ

  ޜާކަނި މަސްކެވޭނީ ކަލޯމެނައް ، އަދި ބާސްކެޓް ބައިވރި ކޮއްގެންވެސް ، ވ. ސ

 2. ޢަލީ ހަމީދު

  70 މެޑެލް މަދުވާނެ..700 އޭ ކިޔާ..އައިއޯޖީ ބާއްވަން ލ އަތޮޅުގަ ސުޓޭޑިއަމް އަޅަނީ އޭ ކިޔައިގެން ކަދުބޯ ނުހައްދާ..މަހުލޫފަކައް ތިޔަކަމެއް ނުވާނެ..

 3. ރައުޔަތު މީހާ

  ތީދެން ބޮޑުވަރު

 4. ތުއްރަވާސް

  ކޮންމެ ކުޅިވަރެއްގެވެސް ފުލަށް ދާ މީހަކަށް މެޑަލް ދީގެން ޗަވަރަށް ހަމަވެދާނެ....

 5. ޟުހާ

  ޢެންމެ މެޑެއްޔެއްވެސް ނުލިބުނިއްޔާ ރަނގަޅީ