އެއް ދުވަސްވަރެއްގައި ބާސެލޯނާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ނިންމި ކަމަށް އެ ކްލަބުގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ލިއޮނެލް މެސީ ބުނެފި އެވެ.
ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އުމުރުން 32 އަހަރުގެ މެސީ ބުނީ މީގެ ފަސް އަހަރު ކުރިން ބާސެލޯނާ ދޫކޮށްދާން ނިންމި ކަމަށާއި އެދުވަސްކޮޅު އެހެން ގައުމަކަށް ބަދަލުވާން ކްލަބުތަކާ މަޝްވަރާވެސް ކުރި ކަމަށެވެ. މެސީ ބުނީ ސްޕެއިން ދޫކޮށް އެހެން ގައުމަކަށް ބަދަލުވާން ނިންމީ އެދުވަސްވަރު ޓެކްސް އަށް މަކަރު ހަދައިގެން އޭނާ އަށް ކުރިމަތިވަމުންދިޔަ ޕްރެޝަރުތަކާއި ހެދި އޭނާގެ ސިކުނޑި ސުމަކަށް ދިއުމުން ކަމަށެވެ.
2007 އިން 2009 އަކާއި ދޭތެރޭ ޓެކްސް ފައިސާ އަށް މަކަރު ހެދި މައްސަލައިގައި މެސީ އަށް ވަނީ 21 މަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. ނަމަވެސް ފަހުން އެ އަދަބު ވަނީ ޖޫރިމަނާ ފީ އަކަށް ބަދަލުކޮށްފަ އެވެ. ޖަލު ހުކުމާއެކު ދައްކަން ޖެހުނު 2 މިލިއަން ޔޫރޯގެ ބަދަލުގައި ލުއި ކުރެވުނު އަދަބުގެ ދަށުން މެސީ ފަހުން ދައްކަން ޖެހުނީ 252،000 ޔޫރޯ އެވެ.
'' އަހަރެން އެއިރު ބޭނުންވީ ބާސާ ދޫކޮށްދާން. ހާއްސަކޮށް ސްޕެއިން ދޫކޮށްދާން. އަހަރެންނަށް އެއިރު ހީވީ ސްޕެއިންގަ އަހަރެންނާއި ދޭތެރޭ ކަންތައްތައް ކުރެވިގެންދިޔައީ އެހާ ރަނގަޅަކަށް ނޫންހެން. ކްލަބުތަކާއި މަޝްވަރާ ވެސް ކުރިން ބަދަލުވާން. އެކަމަކު ބާސާ އަށް ޖެހިފަ ހުރި ލޯތްބެއްގެ ބޮޑުކަމުން ރަސްމީ ހުށަހެޅުމެއް އަހަންނަކަށް އެއިރަކު ނާދޭ، ކްލަބުތަކަށް ހީވާ ކަހަލަ އަހަރެން ބާސާ ދޫކޮށް ނުދާނެޔޭ. އެހެންވެެ ކަންނޭނގެ ރަސްމީ ހުށަހެޅުމެއް ނައީ ވެސް، '' މެސީ ބުންޏެވެ.
މެސީ ބުނީ އެއިރު ކިތައްމެ ވަރަކަށްވެސް ބާސާ ދޫކޮށްލަން ވިސްނި ކަމުގައިވިޔަސް މިހާރު ބޭނުންވަނީ ކެރިއަރު ސްޕެއިންގައި ނިންމާލަން ކަމަށެވެ. މެސީ މިހެން ބުނެފައިވަނީ މީގެ ކުރިން އޭނާ ކުޑައިރު ކުޅުނު ކްލަބު ކަމަށްވާ އާޖެންޓީނާގެ ނިވެލްސް އޯލްޑް ބޯއިސް އަށް ކެރިއަރުގެ ފަހު ދުވަސްވަރު ކުޅެން ބޭނުންވާ ކަމަށް އޭނާ މީގެކުރިން ތަކުރާރުކޮށް ބުނެފައިވަނިކޮށެވެ.
'' އަހަރެންނަށް މިހާރު ބޮޑަށް ލަފާކުރެވެނީ ފުޓްބޯޅަ ކެރިއަރު ނިންމާލެވޭނީ ބާސާގައި ހެން. އެއީ އަހަރެންގެ އާއިލާ މިތަނުގައި ވަރަށް ސެޓްލް ވެލައިގެން ތިބީ. އެހާ ފަސޭހަކަމެއް ނޫން އަނެއްކާ އާޖެންޓީނާ އަށް ބަދަލުވުން. ހަގީގަތަށް ބުނާނަމަ ކެރިއަރު ނިންމާލަމުން އާޖެންޓީނާގައި ކުޅެލަން ވަރަށް ބޭނުން. އެކަމަކު ފުރަތަމަ އަށް އިސްކަން ދެނީ އާއިލާ އަށް، '' މެސީ ބުންޏެވެ.
ކެޓަލޯނިއާގެ ރޭޑިއޯ ސްޓޭޝަނަކަށް ދިން އިންޓަވިއުގައި މެސީ ވަނީ ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި ބާސާ އަށް ބަދަލުވާން މަސަތްކަތްކުރި ބްރެޒިލްގެ ތަރި ނޭމާ އާއި ބެހޭ ގޮތުން ވެސް ވާހަކަދައްކާފަ އެވެ. މެސީ ބުނީ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ ދޫކޮށްލައި ބާސާ އަށް ބަދަލުވާން ނޭމާ ކުރި މަސައްކަތް ކާމިޔާބުނުވުމުން އޭނާ ރެއާލް މެޑްރިޑަށް ސޮއިކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
"ބާސެލޯނާ އަށް ނާދެވިއްޖެނަމަ ނޭމާ ރެއާލަށް ދާނެ ކަމަށް އަހަރެންނަށް ގަބޫލުކުރެވުނު. އެއީ އޭނާ ހުރީ ވަރަށް ބޮޑަށް ޕީއެސްޖީ ދޫކޮށްލަން ބޭނުންވެފައި. އަހަންނަށް ވަރަށް ޔަގީންކަން އޮތް ރެއާލުގެ ރައީސް ފްލޮރެންޓީނޯ ކޮންމެވެސް ގޮތެއް ހަދާފައި ނޭމާ ގެނެސްފާނެ ކަމުގެ،" އިންޓަވިއުގައި މެސީ ބުންޏެވެ.
މެސީ އަކަށް ލަލީގާ ގައި ކުޅޭ ގޮތަށް އިޓަލިއަން ސީރިއޭގައި ނުކުޅެވޭނެ. އެއީ އިޓަލީގެ ޑިފެންޑަރުން މާމޮޅު ސްޕެނިޝް ލީގުގެ ޑިފެންޑަރުންނަށްވުރެ.
އެހެންވެ ދޯ އިޓަލީ ލީގުގެ ޓީމްތައް އަބަދުވެސް ޗެމްޕިއަންސް ލީގް ހޯދަނީ..
ހަމަ ނުކުޅެވޭނެ މެސީ އަކަށް ލަލީގާގައި ކުޅޭ ގޮތަށް އިޓާލިއަން ލީގުގައެއް.