ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އެފްރިގާކެ ސެނެގާލް އިން ވަރުގަދަ ބްރެޒިލް ހިފަހައްޓައިފި އެވެ.

އިއްޔެ ސިންގަޕޫރުގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލް އާއި ސެނެގާލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މި މެޗަށް ބްރެޒިލްގެ ކޯޗު ޓިޓޭ ވަރުގަދަ ފުރަތަމަ ފުރަތަމަ އެގާރައެއް ނެރުނު އިރު ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ ނޭމާ ޖޫނިއާވެސް ފުރަތަމަ އެގާރައިގައި ކުޅެން އެރި އެވެ.

ބްރެޒިލް އިން މެޗު ފެށީ ވަރުގަދަކޮށެވެ. އެގޮތުން އަށްވަނަ މިނެޓުގައި ލިވަޕޫލަށް ކުޅެމުން އަންނަ ފޯވަޑް ރޮބާޓޯ ފާމީނޯ ވަނީ ލަނޑެއް ޖަަހައި އެޓީމަށް ލީޑު ހޯދައިދީފަ އެވެ. ފާމީނޯގެ ލަނޑު ޖެހީ ގެބްރިއެލް ޖެސުސް ޖައްސާލި ބޯޅައެއްގައި އޭރިއާ ތެރޭގައި ހުރެ ކީޕަރު އަލްފްރެޑް ގޯމިސްގެ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އެއް ލަނޑުގެ ލީޑަކާއެކު ބްރެޒިލް ކުރީގައި އޮވެ ފުރަތަމަ ހާފު ނިމެމުންދަނިކޮށް ސެނެގާލް އަށް ނަތީޖާ އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީ އެެއްގައި އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ ބްރިސްޓޮލް ސިޓީގެ ފޯވަޑް ކަމާރާ ދިއެދިއޫ އެވެ. ސެނެގާލް އަށް ޕެނަލްޓީ ލިބުނީ ބްރެޒިލްގެ އޭރިއާ ތެރެއިން ޑިފެންޑަރު މާކުއިނޯސް ސާދިއޯ މާނޭ އަށް ފައުލް ކުރުމުންނެވެ.

އިއްޔެގެ މެޗަކީ ޕީއެސްޖީގެ ހުނަރުވެރި ކުޅުންތެރިއާ ނޭމާ ބްރެޒިލް އަށް ކުޅެދިން 100 ވަނަ މެޗެވެ. ނޭމާ އަށް އޭނާގެ އަސްލު ފެންވަރު މި މެޗުގައި ނުދެއްކުނު އިރު ފުރަތަމަ ހާފާއި މުޅިން އިނދިކޮޅަށް ދެވަނަ ހާފު ބޮޑަށް ކޮންޓްރޯލް ކޮށްގެން ކުޅުނީ ސެނެގާލް އެވެ. އެގޮތުން މެޗުގެ ފަހު ފަސްމިނެޓު ތެރޭގައި ބްރެޒިލްގެ މައްޗަށް ތާރީހީ މޮޅެއް ހޯދަން ސެނެގާލް އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް މާނޭ ފޮނުވާލި ބޯޅަ އަމާޒުވީ އިދިކޮޅު ގޯލުގެ ދަނޑިއަށެވެ.

މި މެޗު އެއްވަރުވުމާއެކު ބްރެޒިލް ވަނީ މޮޅެއް ނުލިބި ތިން މެޗު ހަމަކޮށްފަ އެވެ. މިދިޔަ ޖޫން މަހު އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިފަހުން ބްރެޒިލް ކުޅުނު މެޗުތަކުގައި އެގައުމު ވަނީ ކޮލަމްބިއާ އަތުން އެއްވަރުވެ ޕެރޫ އަތުން ބަލިވެފަ އެވެ. ވަރުގަދަ ޓީމެއް ނެރެގެން ސެނެގާލް އަތުން ވެސް މޮޅެއް ނުލިބުމުން ކޯޗު ޓިޓޭ އަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމަކާއި ކުރިމަތިވާނެ އެވެ. މޮޅުނުވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނައުމަށް ބްރެޒިލް އަށް މި ހަފުތާ ބަންދުގައި އިތުރު ފުރުސަތެއް ލިބިގެންދާނެ އެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު ރަހުމަތްތެރިކަމުގެ މެޗެއްގައި ބްރެޒިލް ނުކުންނާނީ ނައިޖީރިއާ އާއި ދެކޮޅަށެވެ.