ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ލޯ މެޑަލް ހޯދި ރާއްޖެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށާއި އޮފިޝަލަކަށް ބޯނަސް ފައިސާގެ ގޮތުގައި 20000 ރުފިޔާ ދޭން ސްޕޯޓްސް ކައުންސިލުން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަހުމަދު މަހްލޫފް މިހެން ވިދާޅުވެފައިވަނީ ޒުވާން ގައުމީ ޓީމު ހޯދި ކާމިޔާބީގެ ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ބައްދަލުވުމެއްގަ އެވެ.

މަހްލޫފް ވިދާޅުވީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާ އާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ރާއްޖެ ޓީމަށް މެޗުން ބަލިނުވެ ފަރުޖައްސާލެވިއްޖެނަމަ ސަރުކާރުން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް ބުނުމުން އެކަން ގިނަ ބަޔަކު ނެގީ އެހާ ރަނގަޅަކަށް ނޫން ކަމަށާއި ގިނަ ބަޔަކު ބުނަމުންދިޔައީ އެ ފައިސާ ހާލުގައި ޖެހިފައި ތިބި ބަޔަކަށް ދިނިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ. އެކަމަށް އަލިއަޅުވާލަމުން މަހްލޫފް ވިދާޅުވީ ކުޅިވަރާ ބެހޭ މެންޑޭޓުގައި ނުހިމެނޭ އެއްވެސް ކަމަކަށް މިނިސްޓްރީ އަކަށް ހަރަދު ކުރެވެން ނޯންނަ ކަމަށެވެ.

"އަޅުގަނޑު ކިތަންމެ ބޭނުން ވިޔަސް ކިހިނެތްތޯ ކުޅިވަރުގެ ބަޖެޓުން އެހެން ކަންކަމަށް ޚަރަދު ކުރާނީ. އަޅުގަނޑަށް ސަރުކާރުން ހަރަދު ކުރެވޭނީ ހަމައެކަނި ކުޅިވަރުގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކަށް. އެއީ އަޅުގަނޑާ ހަވާލުކުރައްވާފައި އޮތް މައްސޫލިއްޔަތު. މިކަން އެންމެ ބޭފުޅުންވެސް ވިސްނާލީމަ އެނގިވަޑައިގަންނަވާނެ، '' މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ މީގެ ކުރިން ސަރަހައްދީ މުބާރާތުން ރަން މެޑަލް ހޯދީމަ ވެސް ކުޅުންތެރިންނަށް ލިބުނީ 35،000 ރުފިޔާ ކަމަށާއި އެއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތާ އެއްހަމަ އަދަދެއް ނޫންކަމަށެވެ. މަހްލޫފް އެކަމާއި ވިދިގެން ވިދާޅުވީ ކުޅިވަރާ ބެހޭ މަޖިލީހުން މިހާރު ނިންމާފައި ވަނީ ރާއްޖެ ޓީމަކުން ސަރަހައްދީ ލެވްލްގައި ހޯދާ ކޮންމެ ކާމިޔާބީއަކަށް 250،000 ދިނުމަށް ކަމަށާއި ބްރޯންޒް މެޑަލް ހޯދައިފި ނަމަ ކޮންމެ ކުޅުންތެރިޔަކަށް 20،000 ރުފިޔާ ދިނުމަށް ކަމަށެވެ. މީގެ އިތުރުން ޓީމުން ހޯދާ ކާމިޔާބީގެ ފަހަތުގައި ތިބޭ އޮފިޝަލުންނާއި ކޯޗުންނަށްވެސް ބޯނަސް ލިބޭނެކަމަށް މަހްލޫފް ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ގައުމީ ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.