ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯ، އެފްއޭއެމްއާއެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފިއެވެ.

އުމުރުން 53 އަހަރުގެ އިޓަލީގެ ކޯޗު މިދިޔަ އަހަރު ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގެ ކޯޗު ކަމާއި ހަވާލުވީ އެއް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އެފްއޭއެމުން ބުނީ އިޓަލީގެ ކޯޗު މޮރިއޭރޯ އާއެކު އިތުރު އަހަރަކަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. މޮރިއޭރޯ އިތުރު އަހަރަކަށް މަޑުކުރުމަށް ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ ތަނުގައި ޤައުމީޓީމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާތީކަމަށް އެފްއޭއެމުން ބުނެއެވެ.

އެފްއޭއެމުން އެ އެއްބަސްވުން އާ ކުރީ އިތުރު އެއް އަހަރަށެވެ. މޮރިއޭރޯ ވަނީ އޭނާ އަށް އިތުބާރުކޮށް ކޮންޓްރެކްޓް އާކުރަން ނިންމި ނިންމުމުން އެފްއޭއެމާއި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކޮށްފަ އެެވެ.

އިޓަލީގެ މަޝްހޫރު ގިނަ ކްލަބުތަކަކަށް ކުޅެ، ގައުމީ ޓީމަށްވެސް ކުރިން ކުޅުނު މޮރިއޭރޯ ބުނީ އެންމެން ގުޅިގެން އާ ޓާގެޓްތަކަކަށް މަސައްކަތް ކުރުމުގެ ވިސްނުން އޭނާގެ އެބަހުރި ކަމަށެވެ.

ކޯޗެއްގެ ގޮތުގައި މޮރިއޭރޯ އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގަ އެވެ. ގައުމުން ބޭރުގައި އޭނާގެ ފުރަތަމަ ތަޖުރިބާ އަކީ އައިވަރީ ކޯސްޓްގެ ކްލަބް، އެފްރިކާ ސްޕޯޓްސްގައި ކުރި މަސައްކަތެވެ. އޭނާ ވަނީ އިޓަލީގެ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކަމަށްވާ، ސެރީ ބީ އަދި ސެރީ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފަ އެވެ. އަދި ސްވިޒަލެންޑްގެ ކްލަބު ލުގާނޯ އަށް ވެސް ކޯޗް ކޮށްދިނެވެ.

ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި އޭނާ ކޯޗުކަން ކޮށްދޭ ފުރަތަމަ ގައުމެވެ.

އެފްއޭއެމުން ބުނީ ކޮންޓްރެކްޓް އާ ކުރުމަށް ފަހު އަންނަ މަހު މޮރިއޭރޯގެ އިރުޝާދުގެ ދަށުން އިތުރު މެޗުތަކެއް ކުޅެން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.