ބަންގްލަދޭޝްގެ ފުޓްބޯލް ފެޑެރޭޝަންގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރ ޕޯލް ތޯމަސް ސްމޯލީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރގެ މަގާމާއި ހަވާލުވެއްޖެއެވެ.

މީގެ ހަފްތާއެއް ކުރިން އެފްއޭއެމްގައި މަސައްކަތް ކުރަން ފެށި ޕޯލް ރަސްމީކޮށް ތައާރަފު ކުރުމަށް މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެފްއޭގެ ރައީސް ބައްސާމް ވިދާޅުވީ، އަހަރެއް ހާ ދުވަސް ވަންދެން ޕޯލް އާއި އެކު މަޝްވަރާތަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ފާހަގަ ކުރެއްވި ގޮތަށް މީ އެފްއޭއެމުން މިހާރު ހަދާފައިވާ ދުރު ރާސްތާ ޕުލޭނުގައި ހިމެނޭ ކަމެށް ކަމުގައިވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްގެ ޓީޑީގެ މަގާމާއި ޕޯލް ހަވާލު ވެފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މާލީ ބޮޑު ގޮންޖެހުން ތަކެއް ކުރި މަތި ވެފައިވާ އެފްއޭއެމް އާއި ގުޅުނު ޕޯލްގެ މުސާރަ އަކީ އެފްއޭއެމްގެ ބަޖެޓުން ހިންގާ ހަރަދު ތަކެއް ނޫން ކަމަށާއި، އެއީ ބޭރުގެ ފެޑެރޭޝަންއަކުން ސްޕޮންސަރގެ ގޮތުގައި ހަމަޖެހިފައިވާ ކަމެއް ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އިންގްލެންޑްގެ ނޮޓިންހަމް އަށް އުފަން ސްމޯލީ ވަނީ އެ ގައުމުގެ ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ކުޅެފައެވެ. ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ބުރުނާއީ ދާރުއްސަލާމާއި ބަންގްލަދޭޝްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި އެ ގައުމުގެ 20 އަހަރުން ދަށުގެ ޓީމަށް ކޯޗު ކޮށްދީފައެވެ.

ބަންގްލަދޭޝްގެ އެފްއޭގެ ޓީޑީގެ މަގާމުގައި ޕޯލް ހުރީ ގާތްގަނޑަކަށް 15،000 ޑޮލަރުގެ މުސާރައެއްގައެވެ. އެގައުމުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުން، އޭނާ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ އެނާގެ މުސާރަ ބޮޑުކޮށްދޭން ބަންގްލަދޭޝްގެ އެފްއޭއިން ބޭނުން ނުވުމުން ކަމަށެވެ. އެކަމަކު ބަންގްލަދޭޝްގެ މީޑިއާ އާ ވާހަކަ ދައްކަމުން އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ޕޯލް އެމަގާމުން ވަކިވީ އޭނާ ހުށަހެޅި ކަންކަން ރަނގަޅު ކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުން ކަމަށް ބުންޏެވެ.