ރާއްޖޭގެ ފުޓްބޯޅައަކީ ދިވެހިން އެއްބައިވަންތަ ކުރުވި އެއް ކުޅިވަރެވެ. ސިޔާސީ ހަލަބޮލިކަމުން އެއްފަރާތަށް ޖެހިލައި ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި އެންމެން އެއް ގަލަކަށް އެރުވި ކުޅިވަރެވެ. އަތު ގުޅާލައިގެން ދަނޑުތައް ފުރާލި ކުޅިވަރެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. ރާއްޖޭގައި ފުޓުބޯޅައިގެ ފޯރި އިހު އޮތް ފޯރިއަށް ވުރެ ހާސްތަނުން ކުޑަ ވެއްޖެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ސައުތު އޭޝިއާގެ ފުޓުބޯޅައިގެ އެއް ބާރުގެ ގޮތުގައި ފާހަގަ ކުރަމުން ގެންދިޔަ ރާއްޖެ މިހާރު މިވަނީ އޭޝިއާގެ "އާދައިގެ" ޓީމަކަށް ބަދަލުވެފައެވެ. ގައުމީ ޖޯޝުގައި ފުޓުބޯޅަ ބަލަމުން ދިޔަ ދިވެހިން މިއަދު މިވަނީ މަދުވެފައެވެ. ސަރަހައްދީ ބޮޑެތި މުބާރާތްތަކުގައި ރާއްޖެ މިވަނީ ޑިފެންސަށް ކުޅެން ޖެހިފައެވެ. މިއީ ފުޓުބޯޅައަށް ލޯބި ކުރާ ގައުމީ ޖޯޝުގައި ހުރި އެއްވެސް ދިވެއްސަކަށް ބަލަން ފަސޭހަ މަންޒަރުތަކެށް ނޫނެވެ.

މިދިޔަ ސާފް ޗެމްޕިއަންޝިޕަށް ބަލާލަމާ ހިނގާށެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރާތާ 12 އަހަރު ވެއްޖެއެވެ. ދެ އަހަރު މުބާރާތް ކާމިޔާބުވެސް ކުރިއެވެ. ބާރަ އަހަރުގެ ދިގު މާޒީގައި ސެމީ ފައިނަލާ ހަމައަށް ރާއްޖެއަށް ދަތުރު ނުކުރެވުނީ މި އަހަރު އެކަންޏެވެ. މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގުރޫޕު ސްޓޭޖުން މުބާރާތާއި ވަކިވާން ޖެހުނީއެވެ. މިއީ ދިވެހިންގެ ފެންވަރެއް ނޫނެވެ. މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން ފެނިގެން ދިޔައީ ދިވެހިން މީގެ ކުރިން ދައްކަމުން ގެންދިޔަ ކުޅުމަށް ވުރެ މާ ނިކަމެތި ކުޅުމެކެވެ. މީގެ ނަތީޖާއަކަށްވީ މި މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަވަށްޓެރި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވުމެވެ. އެހިސާބުން ދިވެހިންގެ ލޭ ހޫނުވިއެވެ. މިކަމަށް ހައްލު ހޯދުމަށްް އަތުކުރި އޮޅާލެވުނެވެ.

ރާއްޖޭގެ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު އާ ބަސް ކިޔާ، ރާއްޖޭގެ ފުޓުބޯޅަ ނަގާ ކޮޅަށް ޖެހުމަށް މަސައްކަތް ފެށިއެވެ. "ސޭވެ އެފްއޭއެމް"ގެ ނަމުގައި ކެމްޕޭނެށް މިވަނީ ފަށާފައެވެ. މި ކެމްޕޭނުގެ ނަމުން ބައެއް ބޭފުޅުންނަށް އަސްލު އޮޅިދާނެއެވެ. މިކެމްޕޭނުގެ އަސްލު މަގުސަދަކީ މިހާރު ރާއްޖޭގެ ފުޓުބޯޅަ ވެއްޓިފައިމިވާ އަނދަވަޅުން ނަގައިގަތުމެވެ. މިކަން ކުރުމަށް ކުރެވެން ހުރި ކަން ކަމަކީ ކޮބައިތޯ ބަލާ އެކަން ކަމަށް މަސައްކަތް ކުރުމެވެ. މި ކެމްޕޭނުގައި ކުރިން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނާއި ފުޓްބޯޅަ ކްލަބްތަކުގެ ހިންގުންތެރިންގެ އިތުރުން މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް އަންނަނީ ބައިވެރިވަމުންނެވެ.

މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ އަތޮޅު ތެރޭގައި ހިންގާ ކުލަބުތަކަށް އެކަށީގެންވާ ފުރުސަތުތަކެށް ހުޅުވާލަ ދިނުމެވެ. ރާއްޖޭގައި މިހާރު ހިންގާ "ދިވެހި ލީގު" މިހާރަށް ވުރެ ފޯރި ގަދަކޮށް ކުރިއަށް ގެންދިޔުމެވެ. އަތޮޅު ތަކުން ކުލަބުތަކަށް ބައިވެރި ވެވޭނެ ލީގެށް ތައާރަފު ކުރުމެވެ. މިއީ ރާއްޖޭގެ ފުޓުބޯޅައަށްް ލޯބި ކުރާ ގިނަ ފަރާތްތަކުން ބަލައިގަންނާނެ ކަމެކެވެ. އަތޮޅު ތެރޭ ރަށްތަކުގައި ފުޓުބޯޅަ ފޯރި މިހާރު ނެތޭވެސް ބުނެވިދާނެއެވެ. އެވަރަށް މިވަނީ ފޯރި ކުޑަވެފައެވެ. އެހެން ކަމުން މިފަދަ ލީގެށް ތައާރަފު ވެގެން ދިޔުމަކީ އަތޮޅު ތަކުގައި ދިރިއުޅޭ ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް ވަރަށްވެސް އުފާވެރި ހަބަރެކެވެ. އެކުޅުންތެރިންގެ ހުނަރުގެ ބޭނުން ހިފުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

މިހިސާބުން މިކަން ނިންމާލީއެއް ނޫނެވެ. "ސޭވެ އެފްއޭއެމް"ގެ ފަރާތުން ގައުމީ ފުޓުބޯޅަ ކޮންފަރެންސެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. މި ކޮންފަރެންސްގެ މަގްސަދަކީ ފުޓުބޯޅަ ލާމަރުކަޒުކޮށް ގައުމީ ޕްރޮފެޝަނަލް ލީގެއް ބައްޓަންކުރާނެ ގޮތެއް ކަނޑައެޅުން ކަމަށެވެ. އެހެން ކަމުން މި ކޮންފަރެންސްގައި މުޅި ރާއްޖޭއިން ބައިވެރިވާނެއެވެ. ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު އެއްތަނަކުން ދިމާވެ ގިނަ ހިޔާލުތަކެށް އެއްތަން ކުރެވޭނެއެވެ. މީގެ އިތުރުން މި ހަރަކާތުގެ މަގުސަދުގެ ތެރޭގައި އެފްއޭއެމް ހިންގުމުގައި ގޮތް ނިންމުމަށް ވޯޓު ދިނުމުގެ ފުރުސަތު އަތޮޅު ތަކުގެ ކުލަބުތަކަށް ހޯދައިދިނުންވެސް ހިމެނެވެ.

މާލީ އަނދިރި ވަޅުގަނޑަކަށް ވެއްޓިފައިވާ ފުޓުބޯޅަ އެސޯސިއޭޝަންގައި ކޮރޮޕްޝަނުގެ މައްސަލަތައް ހުރި ކަމުގައި ދާދި ފަހުން "ވަގުތު" ޓީވީގެ "ކުޅިހަމަ" ޕުރްގުރާމުގައި ވާހަކަ ދައްކަވަމުން "ސޭވް އެފްއޭއެމް" ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވާ ހާމިދު އަބްދުލް ގަފޫރު ވިދާޅުވިއެވެ.

ހާމިދު ފާހަގަ ކުރެއްވި ގޮތުގައި މި ކެމްޕޭނުގެ ސަބަބުން މީސް މީޑިޔާގައި ނެގިގެން ދިޔަ އެކި ޕޯލު ތަކުން މިހާރު ދިވެހިން ބޭނުންވާ ގޮތް ފެނިގެން ދިޔަ ކަމަށެވެ. ފޭސްބުކުގައި ނެގި ޕޯލުގައި 3،500 މީހުން މިހާރުގެ އެފްއޭއެމްގެ ރައީސް ބައްސާމް އެމަގާމުގައި ބަހައްޓަން ބޭނުން ނުވާ ކަމަށާއި، އެއްކޮޅަށް ވޯޑު ދެއްވާފައި ވަނީ 49 ވަރަކަށް މީހުން ކަމުގައި ހާމިދު ވަނީ ވިދާޅުވެފައެވެ.

ދިވެހި ފުޓުބޯޅައިގެ މައި އިދާރާއިން މިވަނީ ދިވެހިން ރޮއްވާލާފައެވެ. ދިވެހި ފުޓުބޯޅަ އަޑި ނޭނގޭ ފުން ވަޅަކަށް ވައްޓާލާފައެވެ. މިއީ ހަމައެކި އަޅުގަނޑު ބުނާ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ފުޓުބޯޅައަށް ލޯބި ކުރާ ދިވެހިންގެ ވާހަކައެކެވެ. ސަރަހައްދީ ބޮޑު މުބާރާތަކަށް ކުރިމަތި ލިއިރު ތައްޔާރީތަށް ދިޔައީ ވަރަށް ދޯހަޅި ގޮތަކަށެވެ. ސަރަހައްދީ އެހެން ގައުމު ތަކުން މުބާރާތަށް ތައްޔާރުވުމަށް މުބާރާތްތަށް ކުޅެމުން ދިޔައިރު، ދިވެހިން ތިބީ ގަލޮޅު ދަނޑުގައި ފިޒިކަލް ހަދާށެވެ. މުބާރާތެއް ނުކުޅެވުނު އިރު، ވާދަވެރި މެޗެއް ވެސް ގައުމީ ޓީމަށް ވަނީ ނުކުޅެވިފައެވެ. މިއީވެސް ފުޓުބޯޅައިގެ މައި އިދާރާއިން ފުޓުބޯޅަ ކުރިއަރުވަން ކުރަމުން ގެންދިޔަ މަސައްކަތުގެ މިސާލެކެވެ.

"ސޭވް އެފްއޭއެމް" ކެމްޕޭނާއެކު އެފްއޭއެމްގެ އިސްވެރިން މިވަނީ މީޑިއާތަކާއި ބައްދަލުކޮށް ޖަވާބުދާރީވެފައެވެ. ނަމަވެސް އުންމީދީ ވާހަކައެށް ނުބުނެވުނެވެ. އުފާވެރި ހަބަރެށް ނުދެވުނެވެ. ރާއްޖޭގެ ފުޓުބޯޅަ މިހާރު އޮތީ ނިކަމެތި ހާލަތެށްގައި ކަމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިއްލަ އަށް ވެސް ގަބޫލުކުރިއެވެ. ސާފު ޗެމްޕިއަންޝިޕުގައި ދެއްކި ކުޅުމަކީ ދައްކުޅުމެއް ކަގަމުގައިވެސް ވިދާޅުވިއެވެ. ނަމަވެސް އާންމު އުސޫލުގެ މަތިން "ދުރުރާސްތާ" ޕުލޭނެށްް ގެންގުޅުއްވާ ކަމުގައި ވިދާޅުވެ އެކަންވެސް އޮއްބާލީއެވެ.

މިހާރު ރާއްޖޭގެ ފުޓުބޯޅައަށް ކުރިމަތި ވެފައި މިވާ ދަތި ހާލަތުން ނަގާ ދެވޭނެ ބަޔަކީ "ސޭވް އެފްއޭއެމް" ކެމްޕޭނު ޓީމު ކަމުގައި ގިނަ ބަޔަކު މިދަނީ ގަބޫލު ކުރަމުންނެވެ. އެކަމުގައި ހަރަކާތްތެރި ވަމުންދާ ބޭފުޅުންނަކީ ދިވެހިން ފުޓުބޯޅައަށް ލޯބި ޖެއްސި ބޭފުޅުންނެވެ. އެހެން ކަމުން އެބޭފުޅުންގެ މަސައްކަތަށް އެއްބާރުލުންދީ ގައުމީ ފޯރި އަލުން ނެގެވޭނެ ދުވަހަކަށް އިންތިޒާރު ކުރަމާތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރިލޭ

    ގުނަވަންތަށް ފެއިލްވުމަކީ ވަގުތު އަައިސް ހަމަވަނީކަމުގެ ނިޝާނެއް ،،،

  2. ބަލަ

    މިކަން ރަގަޅުކުރަން ބޭނުންނަމަ ބައްސާމު އާއި އޭނަގެ އައްވާނުން އެތަނުން ދުރުކޮށް ރަގަޅައް ހިންގޭ، ފުޓުބޯޅަދެކެ ޅޮބިވާމީހަކު އެމަގާމަށް ގެނޭ. އަދި ނިއު އަދި ވިކްޓަރީވެސް އެއްވަނަ ޑިވިޝަނަށްގެނެސް މިހާރުވެސް ކުޅެންފަށައިފިނަމަ މިފުޓޫބޯޅައިގެ ފޯރި ހިފަން ފަށާމެ ކަމުގައި އަހަރެން ދެކެމެވެ.
    ނިއު އަދި ވިކްޓަރީ 1 ވަނަޑިވިޝަނަށް ގެނެސްގެން ފޯރިހިފާނީ. މިކަން ކުރޭ

  3. Anonymous

    ކިތަންމެ ވަރެއް ކުރިނަމަވެސް މިރާއްޖޭގައި ދެން ކުރިން އޮތް ފުޓުބޯޅައެއް އާލާއެއް ނުކުރެވޭނެ. އަދި އެފޯރިއެއްވެސް ނުގެނެވޭނެ. އެފްއޭއެމްއެއްވެސް ސޭވްއެއް ނުކުރެވޭނެ. ސަބަބަކީ މިހާރު މިރާއްޖޭގައި ފުޓްބޯޅަ ވަނީ ގޭންގުތަކުގެ ބާރުގެ ދަށުގައި. އެހެންވެ މިހާރު ދަނޑަށް ފުޓްބޯޅައިގެން ރޫހުގައި ވަންނާނެ މީހަކުވެސް ނުވަނީ. ކުޅެނީ ހަމައެކަނި ގޭންގުތަކުން. ދެން ދަނޑަށް ވަންނާނީވެސް އެމީހުންއެކަނި. ތާހިރު ، ގައުމީ ޖޯޝްގެ ދިވެހިން ނުވަންނާނެ ގޭންގުތެރެއަކަށް.

  4. ސަންސެޓް

    ފުޓުބޯޅަ އެކަންޏެއްނޫން. މުޅިގައުމު ސޭވް ކުރަން ޖެހިގަ މިއޮތީ.