މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން 1-0 އިން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ތާވަލްގެ ހަތަރުވަނައިގައި ހަމަޖެހިލައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ ބުރުގައި މި ދެ ޓީމުގެ ދެމެދުގައި ކުޅެވުނު މެޗުން ބުރު މޮޅުވީ 1-0 އިންނެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ކްލަބް އީގަލްސް އެއްވަނައިގައި އޮތީ ނުވަ މެޗުން ލިބުނު 23 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އަށް މެޗުން ލިބުނު 22 ޕޮއިންޓާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތްއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އޮތީ 10 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މޮޅާއެކު ޓީސީ އޮތީ 10 މެޗުން 19 ޕޮއިންޓް ހަމަކޮށްގެން ހަތަރެއްގައެވެ. ފަސްވަނައިގައި ބުރު އޮތީ 10 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ.

ތާވަލްގެ އިތުރު މަގާމުތަކުގައި އޮތް ޓީމުތަކަށް ބަލާއިރު، 10 މެޗުން ލިބުނު ހަ ޕޮއިންޓާއެކު ހަވަނައިގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތްއިރު ކްލަބް ގްރީން ސްޓްރީޓްސް އޮތީ 10 މެޗުން ފަސް ޕޮއިންޓް ހޯދައިގެން ހަތްވަނައިގައެވެ. އެންމެ ފުލުގައި އޮތް ކްލަބް ވެލެންސިއާ އަށް 10 މެޗުން ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 32 ވަނަ މިނެޓުގައި ޓީސީ އަށް ކާމިޔާބުކޮށްދިނީ ޒަޔާން ނަސީރެވެ.

ރޭގެ މެޗަށްފަހު އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ މެޗުތަކަށް ތައްޔާރުވުމަށާއި، ވޯލްޑް ކަޕް ކޮލިފައިންގެ ޕްރެލިމިނަރީ ބުރުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ތައްޔާރުވާން ލީގުގެ ކުޅުން ވަނީ ދެ މަސް ދުވަހަށް މެދުކަނޑާލައިފައެވެ.

މިއީ މި ފަހަރުގެ ލީގު ފެށިފަހުން ދިގު މުއްދަތަކަށް ލީގު މެދުކަނޑާލި ދެވަނަ ފަހަރެވެ. މީގެ ކުރިން، މިދިޔަ ޖޫން މަހުގެ 21 އިން ޖުލައި މަހުގެ 4 ގެ ނިޔަލަށް ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ވެސް ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މުއްދަތަށް ލީގުގެ ކުޅުން މެދުކަނޑާލިއެވެ.