އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ޖަރުމަނާއި ހޮލަންޑު ކުޅުނު މެޗުތަކުން އެދެޓީމު މޮޅުވުމުން ގްރޫޕްސީގެ ވާދަވެރިކަން އިތުރަށް ބޮޑުވެއްޖެ އެވެ.

ޔޫރޯ ކޮލިފައިންގައި ޖަރުމަނުން ވަނީ ރޭ އެސްޓޯނިއާ އާއި ވާދަކޮށް ފަސޭހަކަމާއެކު 3-0ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު މިޑްފީލްޑަރު އެމްރޭ ޗޭން އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ޖަރުމަނު ޓީމަށް މެޗުގެ ބޮޑުބައެއް ކުޅެން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ޖަރުމަނުން ދިޔައީ މެޗު ޑޮމިނޭޓްކޮށް ދޭތެރެ ދޭތެރެއިން ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން އިދިކޮޅު ގޯލަށް އަމާޒުކޮށް އެޓީމުން ރަނގަޅު ތިން ހަމަލާއެއް ފުރަތަމަ ހާފުގައި ފޮނުވާލި ނަމަވެސް އެ ބޯޅަތައް ލަނޑުތަކަކަށް ބަދަލެއްނުވި އެވެ.

މެޗުގައި ޖަރުމަނު ޓީމުން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގަ އެވެ. އެގޮތުން ފުރަތަމަ ލަނޑު 51 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު އައިކޭ ގުންޑޮގަން ކާމިޔާބުކުރިއިރު އޭގެ ފަސްވަރަކަށް މިނެޓު ފަހުން ގޮންޑޮގަން ވަނީ އިތުރު ލަނޑެއް ޖަހައި ޖަރުމަނަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނުމުގައި ފަހަކަށް އައިސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ގުންޑޮގަންގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ޖަރުމަނުން ޖެހި ތިންވަނަ ލަނޑު ޖެހުމުގައި ވެސް އެންމެ މުހިއްމު ރޯލެއް އަދާކުރީ އޭނާ އެވެ. އެގޮތުން ގުންޑޮގަން ދިން ބޯޅައެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވަޑް ޓިމޯ ވާނާ އެވެ.

ރޭ ގްރޫޕް ސީގެ އަނެއް މެޗުގައި ހޮލަންޑުން ވަނީ ބެލަރުސްގެ މައްޗަށް ކުރިހޯދައި ކޮލިފައިންގައި ޖެހިޖެހިގެން ހަތަރު ވަނަ މޮޅު ހޯދާފަ އެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައްޔާއި 41 ވަނަ މިނެޓުގައި މިޑްފީލްޑަރު ޖޯޖިއޯ ވަޔަނާލްޑަމް ކާމިޔާބުކޮށްދިން ލަނޑުތަކުން ހޮލަންޑުން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު ބެލަރުސްގެ ޑްރާގުން ވަނީ ދެވަނަ ޙާފުގެ ކުރީކޮޅު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދިނެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ސީގެ ތާވަލު އިތުރަށް ހޫނުވެފައިވާއިރު މި ގްރޫޕްގެ އެއްވަނަ މަގާމު މިވަގުތަށް ފަނަރަ ޕޮއިންޓާއެކު ލިބެނީ ހޮލަންޑަށެވެ. ދެވަނައިގައި އޮތް ޖަރުމަނަށްވެސް ފަނަރަ ޕޮއިންޓް ލިބިފައިވާއިރު ހޮލަންޑަށް ގްރޫޕްގެ ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕް ފޯރިގަދަވުމުގެ ސަބަބަކީ ތިންވަނައިގައި ބާރަ ޕޮއިންޓާއެކު ނޮދަން އަޔަލޭންޑް ވިއްދާފައި އޮތުމުންނެވެ. ނޮދަން އަޔަލޭންޑް ކޮލިފައިންގައި ބާކީ ކުޅެން ހުރި މެޗުތަކުގެ ތެރޭގައި ޖަރުމަނާއި ހޮލަންޑުގެ މެޗު ހިމެނުމުން ކުރިއަށްއޮތްތާގައި މި ގްރޫޕްގެ ތާވަލަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.