އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފީލް ޔުނައިޓެޑް އަތުން ބަލިވެ އާސެނަލް ލީގު ތާވަލުގެ ފަސް ވަނައަށް ވެއްޓިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ރޭ ޝެފީލްގެ ދަނޑުގައި މިދެޓީމު ބައްދަލުކުރި މެޗުން އާސެނަލް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މިއީ އަށް މެޗައްފަހު ހުރިހާ މުބާރާތްތަކެއް އެއްކޮށްލައިގެން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. މި ބައްޔާއެކު ނުވަ މެޗުން ފަނަރަ ޕޮއިންޓް ލިބިގެން އާސެނަލް ވަނީ ތާވަލުގެ ފަސް ވަނަ އަށް ވެއްޓިފައެވެ. ރޭ ލިބުނު ތިން ޕޮއިންޓާއެކު ޝެފީލްޑަށް މިހާރު ބާރަ ޕޮއިންޓް ލިބިފައިވާއިރު އެޓީމު ވަނީ ތާވަލުގެ ނުވަ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. ތާވަލުގެ އެންމެ ކުރީގަައި އަދިވެސް އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް 25 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ޗެންޕިއަން މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ ސޯޅަ ޕޮއިންޓެވެ.

އާސެނަލް އިން ރޭގެ މެޗާއި ކުރިމަތިލީ ވެސް ޓީމުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއާ ކަމަށްވާ ޖަރުމަނުގެ މެސުޓް އޮޒިލް ޓީމުގައި ނުހިމަނަ އެވެ. އޮޒިލްގެ އިތުރުން މިޑްފީލްޑަރު ޑާނީ ސެބާޔޮސް އާއި ލޫކަސް ޓޮރެއިރާގެ ބަދަލުގަައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ޒުވާން ޖޯ ވިލޮކް އާއި މަޓެއޮ ގުންޑޯޒީ އެވެ. އަނިޔާގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި ޓީމުން ބޭރުގައި ހުރި ފޯވަޑް އެލެގްޒާންޑާ ލަކަޒަޓް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުމެފަ އެވެ.

ރޭގެ މެޗުގައި ޝެފީލްޑަށް ލަނޑު ކާމިޔާބުކޮށްދިނީ 30 ވަނަ މިނެޓުގައި ފޯވަޑް ލީސް މޫސޭ އެވެ. އޭގެ ފަހުން އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރަން ވަރަށް މަސަތްކަތްކުރި ނަމަވެސް އެޓީމުން ފޮނުވާލި އެެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލެއްނުވި އެވެ.

މެޗުގައި އާސެނަލް އަށް ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯވަޑް ނިކޮލާސް ޕެޕޭ އަށެވެ. އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ޕެޕޭ އަށް ލިބުނު ފުރުސަތު ބޭކާރުވެގެންދިޔައިރު މިޑްފީލްޑަރު ގްރާނިތް ޒާކާ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.