ޔުއެފާ ޗެންޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސްލާވިއާ ޕްރާގްގެ މައްޗަށް ކުރިހޯދައި ބާސެލޯނާ އިން ގްރޫޕް އެފްގެ އެންމެ ކުރީގައި ހަމަޖެހިލައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ތިންވަނަ ރައުންޑްގައި ރޭ ޗެކް ރިޕަބްލިކްގެ ޕްރާގުގެ މައްޗަށް ސްޕްއިންގެ ބާސެލޯނާ އިން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ޕްރާގުގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސާ އިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި ބްރެޒިލްގެ އަރްތުރް ތަނަވަސްކޮށްދިން ފުރުސަތެއްގަައި ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މެސީގެ މި ލަނޑާއެކު އޭނާ ވެފައިވަނީ ޖެހިޖެހިގެން ފަނަރަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއާ އަށެވެ.

ރޭގެ މެޗުގެ ދެވަނަ ހާފު ޕްރާގުން ފެށީ ވަރުގަދަ ކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 50 ވަނަ މިނެޓުގައި ޖަން ބޮރިލް ވަނީ ލަނޑެއް ޖަހަައި ޕްރާގަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އޭގެ ހަތް މިނެޓު ފަހުން ބާސާ އަށް ދެވަނަ ފަހަރަށް ލީޑު ލިބިގެންދިޔައީ ޕްރާގުގެ ޕީޓާ އޮލަޔިންކާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ރޭގެ މޮޅާއެކު ގްރޫޕް އެފްގެ އެންމެ ކުރީގައި އޮތް ބާސާ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމައުންޑަށާއި ތިންވަނައިގައި އޮތް އިޓަލީގެ އިންޓަ މިލާނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ޕްރާގަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕް އެފްގެ ދެވަނަ މަގާމު ޑޯޓްމައުންޑަށް ލިބުނު ކަމުގައިވިޔަސް ރޭ އެޓީމު ވަނީ އިންޓަ އަތުން ބަލިވެފަ އެވެ. އިޓަލީގައި ކުޅުނު މެޗު އިންޓަ އިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި އިންޓަ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ 22 ވަނަ މިނެޓުގައި ލައުޓަރޯ މާޓިނެޒް އާއި 89 ވަނަ މިނެޓުގައި އެންޓޯނިއޯ ކަންޑްރެވާ އެވެ. ކަންޑްރެވާގެ ލަނޑަށްވުރެ ކުރިން ލީޑު ފުޅާކުރަން ލިބުނު ޕެނަލްޓީއެެއްގައި އިންޓަގެ މާޓިނެޒް ފޮނުވާލި ބޯޅަ ގޯލަކަށް ބަދަލެއްނުވި އެވެ.