ޔުއެފާ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އިނގިރޭސިވިލާތުގެ އާސެނަލުން ފަހަތުން އަރައި 3-2 އިން ޕޯޗުގަލްގެ ވިޓޯރިއާގެ މައްޗަށް ކުރިހޯދައިފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ވިޓޯރިއާ އަށް ލީޑުނަގައިދިނީ މާކަސް އެޑްވާޑް އެވެ. އޭގެ ފަހުން މި ސީޒަންގައި މޮޅަށް ކުޅެމުން އަންނަ އާސެނަލްގެ ޒުވާން ބްރެޒިލް ފޯވާޑް ގަބްރިއެލް މާޓިނެލީ މެޗުގެ 32 ވަނަ މިނިޓްގައި އެ ޓީމަށް ނަތީޖާ ހަމަހަަމަކޮށްދިން ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން ވިޓޯރިއާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ބްރޫނޯ ޑުއާޓޭ އެވެ.

ޔުރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކުރަމުން އައި އާސެނަލް އޮތީ ރޭގެ މެޗުގެ ފަހު ފަނަރަ މިނެޓަށްދިޔަ އިރުވެސް ފަހަތުގަ އެވެ. ނަމަވެސް ކޯޗު އުނޭ އެމެރީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ފްރާންސްގެ ފޯވަޑް އެލެގްޒާންޑާ ލަކަޒަޓް އާއި ކްލަބުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނިކޮލަސް ޕެޕޭ ކުޅެން އެރުވި ހިސާބުން އެޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅު ވެގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 80 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޕެޕޭ އާސެނަލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނެވެ.

2-2 އިން ދެޓީމު އެއްވަރުވެގެން މެޗު ނިމެމުން ދަނިކޮށް އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީވެސް ޕެޕޭ އެވެ. ޕެޕޭގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ 93 ވަނަ މިނެޓުގަ އެވެ. ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި އާސެނަލަށް ބަދަލުވި ފަހުން އެދެވޭ ކުޅުމެއް ނުދެއްކޭތީ ފާޑުކިޔުން އަމާޒުވެފައިވާ ޕެޕޭގެ ދެވަނަ ލަނޑުވެސް އޭނާ ޖެހީ ހިލޭ ޖެހުމަކުންނެވެ.

ރޭގެ ނަތީޖާއާ އެކު އާސެނަލުން ވަނީ މި މުބާރާތުގައި އެޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓާފަ އެވެ. ރޭގެ މޮޅާއެކު އާސެނަލް ގްރޫޕް އެފްގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ހަ ޕޮއިންޓް ލިބިގެން އޮތީ ފްރެންކްފާޓެވެ. ތިން ޕޮއިންޓާއެކު ތިންވަނައިގައި ސްޓޭންޑާޑް ލީޖް އޮތްއިރު ފުލުގައި އޮތް ވިކްޓޯރިއާ އަށް ޕޮއިންޓެއް ލިބިފައިނުވެ އެވެ.