ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި މިރޭ ލިވަޕޫލް ބަލިކުރެވޭނީ ވަރަށް ފުރިހަމަ ކުޅުމެއް ދައްކައިގެން ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ލިވަޕޫލް އާއި ސިޓީ ބައްދަލުކުރި ކުއާޓާފައިނަލްގެ ފުރަތަމަ ލެގު 0-3 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލް އިންނެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ ލިވަޕޫލް ބަލިކޮށް މުބާރާތުގެ ސެމީއަށް ދާން ބޭނުންވާ ނަމަ ވަރަށް ފުރިހަމަ ކުޅުމެއް ދައްކަންޖެހޭނެ ކަމަށާއި ނަތީޖާ އަނބުރާލަން ސިޓީ އަށް 90 މިނެޓް އެބައޮތް ކަމަށެވެ.

"ހުރިހާ ކަމެއް ވެސް ފުރިހަމަ ވެގެން ސެމީ އަށް ދެވޭނީ. އެގޮތުން ފުރުސަތުތައް ތަނަވަސްކޮށް، އޭގެ ބޭނުން ރަނގަޅު ގޮތުގަ ހިފަންޖެހޭ. އަދި އިދިކޮޅު ޓީމަށް ވީހާ ވެސް މަދުން ފުރުސަތުތައް ތަނަވަސް ކުރެވޭނެ ގޮތް ހަދަން ޖެހޭނެ. ނަތީޖާ އަނބުރާލުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު 90 މިނެޓް އަހަރުމެންނަށް އަދި އެބައޮތް. ފުޓްބޯޅައިގަ ކޮންމެ ކަމެއް ވެސް ވެދާނެ" ގާޑިޔޯލާ ބުންޏެވެ.

ސިޓީ އަށް މިރޭ އޮތީ މިރޭ މަސައްކަތް ކުރުން ކަމަށާއި އެގޮތުން ފުރަތަމަ ގޯލު ސިޓީ އިން ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށް ގާޑިޔޯލާ ބުންޏެވެ. އަދި އޭގެ އިތުރުން ބައިކޮޅަށް މިރޭ ގޯލެއް ވަތް ނަމަވެސް ހިތްވަރު އެލުވާލައިގެން ނުވާނެ ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ.

"މިރޭގެ މެޗުގެ ކޮންމެ މިނެޓެއްގައި ވެސް ކުޅެން ޖެހޭނީ ވަރަށް ސަމާލުކަން ދީގެން. ބައިކޮޅަށް ގޯލެއް ވަނަސް ހިތްވަރު އެލުވާލައިގެން ނުވާނެ. 90 މިނެޓުގެ އިތުރުން އިތުރު ވަގުތު ވެސް އަދި އޮންނާނެ. އެއް ފުރުސަތުގެ ބޭނުން ނުހިފިއްޖެނަމަ އަނެއް ފުރުސަތު ތަނަވަސްކުރަން މަސައްކަތް ކުރަންޖެހޭނެ" ގާޑިޔޯލާ ބުންޏެވެ.

މުބާރާތުގެ ސެމީ އަށް ސިޓީ އަށް މިހާތަނަށް ދެވިފައިވަނީ އެންމެ ފަހަރަކު ކަމަށްވާއިރު މުބާރާތުގެ ސެމީ އަށް ލިވަޕޫލް އެންމެފަހުން ދަތުރުކުރީ 2008 ވަނަ އަހަރުއެވެ.

ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން ސިޓީ ބަލިވިއިރު ލީގުގައި އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ސިޓީ ވަނީ ބަލިވެފައެވެ. އެ މެޗުން ސިޓީ ބަލިވީ 2-3 އިންނެވެ.

ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11:45 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަށްދު

    ލިވަޕޫލަކަށްނެތްދޯ 90 މިނެޓެއް ސިޓީއަށް އެކަނި 90މިނެޓް ސިޓީމިރޭކުޅޭއިރު ލިވަޕޫލުގެ ހުރިހާކުޅުންތެރިން ތިބެނީ ދަނޑްބޭރުގަކުޅި ބަލާށޯ ގާޑިޔޯލާބުނީ