ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބައިގައި ރާއްޖޭގެ ނީލާ ނަޖީބުގެ އިތުރުން ޑަބަލްސް ކެޓެގަރީން ރާއްޖޭގެ ތިން ޕެއާ އެއް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަންހެން ސިންގަލްސް ބައިން ދިވެހި ކުޅުންތެރިއާ ނީލާ ވަނީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުން ޕާކިސްތާންގެ ބުޝްރާ ގައްޔޫމް އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-17، 17-21 އަދި 25-23 އިންނެވެ. މިއަދު ކުޅޭ ސެމީގައި ނީލާ ނުކުންނާނީ ޕާކިސްތާނުގެ މަހޫރު ޝަހުޒާދާ ދެކޮޅަށެވެ.

މުބާރާތުގެ ޑަބަލްސް ބައިތަކަށް ބަލާއިރު އަންހެން ޑަބަލްސް އިން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ އާއި ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ސެމީން ފުރުސަތު ހޯދާފައެވެ. އަދި މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ވަނީ ގަދަ ހަތަރެއްގެ ޖާގަ ހޯދާފަ އެވެ.

ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ސެމީން ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި ޕާކިސްތާނުގެ ޕަލްވަޝާ އާއި ސައިމާގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-12، 22-20 އިންނެވެ. ސެމީގައި ނަބީހާ އާއި ނަބާހާ ކުޅޭނީ ޕާކިސްތާނުގެ ސެހްރާ އާއި ހުމާގެ ޕެއާއާ އެވެ.

ދިވެހި ދެބެން މުބާރާތުގެ ޑަބަލްސް ބައިން ގަދަ ހަތަރަކަށް ދިޔައިރު އަންހެން ސިންގަލްސް ބައިން މިދެކުޅުންތެރިން ވަނީ މުބާރާތާ އަލްވަދާއު ކިޔާފައެވެ. އެގޮތުން ކުއާޓާ ފައިނަލުގައި ނަބީހާ ކުޅުނު މެޗުން ބަލިވީ ޕާކިސްތާނުގެ ޕަލްވަޝާ ބަޝީރު އަތުން 21-17، 21-13 އިންނެވެ. އަދި ގައުމީ ޗެމްޕިއަން ނަބާހާ ބަލިވީ އީރާނުގެ ސުރައްޔާ އަތުން 21-11، 21-11 އިންނެވެ.

އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ނީލާ އާއި މައިސާގެ ޕެއާ މޮޅުވީ ޕާކިސްތާނުގެ މެހެވިޝް އާއި އަމާލްގެ ޕެއާ އަތުންނެވެ. މައިސާ އާއި ނީލާގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-13، 21-12 އިންނެވެ. ސެމީގައި މިއަދު ނީލާ އާއި މައިސާގެ ޕެއާ ނުކުންނާނީ ޕާކިސްތާނުގެ އަބްދޫރާއި ބުޝްރާގެ ޕެއާއާ ދެކޮޅަށެވެ.

ގައުމީ މުބާރާތުގެ މިކްސް ޑަބަލްސް ބައިން ރަން މެޑަލް ހާސިލްކުރި ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ ސެމީން ފުރުސަތު ހޯދީ ކުއާޓާގައި ޕާކިސްތާނުގެ މުހައްމަދު އަދުނާނާއި އަމާލްގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-12، 21-15 އިންނެވެ. ސެމީގައި ޒަޔާން އާއި ނަބާހާ ނުކުންނާނީ ޕާކިސްތާނުގެ އަބްދޫރާއި ސައިމާގެ ޕެއާއާ ދެކޮޅަށެވެ.

މިކްސް ޑަބަލްސް ބައިގައި ވާދަކުރި ރާއްޖޭގެ މުހައްމަދު އަޖުފާނާއި މައިސާގެ ޕެއާ ވަނީ ނޭޕާލުގެ ދިޕޭޝް އާއި އަމިތާގެ ޕެއާ އަތުން 21-12، 21-12 އިން ބަލިވެފަ އެވެ. އަދި ފިރިހެން ޑަބަލްސް ބައިގައި އަޖުފާނާއި ނިބާލް އަހުމަދުގެ ޕެއާ ބަލިވީ ތައިލެންޑުގެ ޕްރަދް އާއި އަޕިޗަސިތުގެ ޕެއާ އަތުންނެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-08، 21-12 އިންނެވެ.