ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ރަން މެޑަލް ހާސިލްކޮށްފި އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުން ނަބާހާ އާއި ޒަޔާންގެ ޕެއާ މޮޅުވީ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާ އަތުންނެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މުބާރާތުގެ އެއް ވަނަ ސީޑްގެ މައްޗަށް ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. ދިވެހި ޕެއާ އިން ސެޓުތައް ގެންދިޔައީ 21-16، 21-19 އިންނެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ބެޑްމިންޓަނުން ރާއްޖެ އަށް ލިބުނު ދެ ވަނަ ރަން މެޑަލެވެ. ފުރަތަމަ ރަން މެޑަލް ރާއްޖެ އިން ހޯދީ މި އަހަރު ޖުލައި މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އެވެ.

ރާއްޖެ އަށް ޕާކިސްތާން މުބާރާތުގައި އިތުރު ރަން މެޑެއްޔެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެއީ އަންހެން ޑަބަލްސް އިވެންޓުގަ އެވެ. މި އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ ދެބެން ކަމަށްވާ ނަބީހާ އާއި ނަބާހާގެ ޕެއާ މިއަދު ނުކުންނާނީ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާއާ ދެކޮޅަށެވެ.

މި މުބާރާތުގައި ރާއްޖޭގެ ނީލާ ނަޖީބު ވަނީ އަންހެން ސިންގަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން އަންހެން ޑަބަލްސް ބައިން ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ ވެސް ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.