ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޗެލްސީއާއި ސްޕެއިމްގެ ބާސެލޯނާ ކުރިމަތިލާއިރު، ބާސާގެ ތަރި ލިއޮނަލް މެސީއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި ޗެލްސީއަށް މެސީ ނުހުއްޓުވޭނެ ކަމަށް ސްޕެއިން ތަރި އަލްވާރޯ މޮރާޓާ ބުނެފިއެވެ.

މޮރާޓާ އެހެން ބުނެފައިވަނީ ބާސާއާ ޗެލްސީ ބައްދަލުކުރާ މެޗާ ގުޅޭގޮތުން، ސްޕެއިންގެ ޓީވީ ޗެނަލެއް ކަމަށްވާ، މޯވިސްޓާއަށް ދިން އިންޓަވިޔުއެއްގައެވެ. އެ އިންޓަވިޔުގައި މޮރާޓާ ބުނެފައިވަނީ މިފަހަރު މެސީ ނުހުއްޓުވޭނެ ކަމަށެވެ.

މޮރާޓާ އިތުރަށް ބުނެފައިވަނީ އަމިއްލަ ދަނޑުގައި ބާސާއާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ ދެވަނަ ލެގުގައި މޮޅުވުމަށް ފަސޭހަވާނެ ކަމަށެވެ.

މޮރާޓާ އެހެން ބުނެފައިވާއިރު މެސީއަށް ޗެލްސީ ކޮޅަށް ލަނޑެއް ނުޖެހި، މި ދެޓީމުގެ ދެމެދުގައި މިހާރު އަށް މެޗު ކުޅެވިއްޖެއެވެ. ނަމަވެސް މި ސީޒަންގައި މެސީ އަންނަނީ ރަނގަޅު ކުޅުމެއް ކުޅެމުންނެވެ. އެހެންކަމުން މެސީ ހުއްޓުވަން ފަސޭހަ ނުވާނެ ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ފަރާތްތަކުން ބުނެއެވެ،

ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ބާސާ ބައްދަލުކުރާ މެޗުގެ ފުރަތަމަ ލެގު މި މަހުގެ 20 ވަނަ ދުވަހު ޗެލްސީގެ ދަނޑުގައި ކުޅެވޭއިރު ދެވަނަ ލެގު ކުޅުމަށް ހަމަ ޖެހިފައިވަނީ ބާސާގެ ދަނޑުގައި މާޗް 14 ވަނަ ދުވަހުއެވެ.