އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސް ޓެނިސް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ މައްޗަށް ކުރިހޯދައި ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އޭޓީޕީ ސީޒަން ނިންމާލުމުގެ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގައި ލަންޑަންގައި ބާއްވާ ފައިނަލްސްގެ ގަދަ ހަތަރަކަށް މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިއާ ފެޑެރާ ދަތުރު ކުރީ ރޭ ކުޅުނު ގްރޫޕް ބީގެ ފަހު މެޗުގައި ޖޮކޮވިޗްގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދައިގެންނެވެ. ފެޑެރާ މެޗުގެ ސެޓުތައް ކާމިޔާބުކުރީ 6-4 އަދި 6-3 އިންނެވެ.

މި މެޗާ ކުރިމަތިލިއިރު މިދެކުޅުންތެރިންނަށްވެސް އޮތީ ސެމީގެ ޖާގައެއް ބޭނުންނަމަ މެޗުން މޮޅުވާން މަޖުބޫރުވެފައެވެ. ރޭގެ މޮޅާއެކު ގްރޫޕް ބީގެ އެއްވަނަ ކުޅުންތެރިއާގެ ގޮތުގައި ފެޑެރާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައިވާއިރު ސެމީގައި ފެޑެރާ އާއި ދެކޮޅަށް ނުކުންނާނީ ގްރޫޕް އޭގެ ދެވަނަ ހޯދާ ކުޅުންތެރިއާއެވެ.

މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ސްޕެއިންގެ ރަފައެލް ނަޑާލް އާއި ޖަރުމަނުގެ އެލެގްޒާންޑާ ޒްވެރެވް އާއި ގްރީސްގެ ސްޓެފަނޮސްގެ އިތުރުން ރަޝިއާގެ ޑެނިއެލް މެޑްވެޑޭވްއެވެ. މި ގްރޫޕް އިން ސެމީ ފައިނަލަށް ދަތުރުކުރާ ކުޅުންތެރިންތައް ކަށަވަރު ވާނީ މިއަދު ކުޅޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް ނިމުމުންނެވެ.

އޭޓީޕީ ފައިނަލްސް އަކީ އަހަރުގެ ރޭންކިންގެ ގަދަ އަށް ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާއެވެ. ހަ ފަހަރެއްގެ މަތިން ފެޑެރާ މިމުބާރާތުގެ ތަށި އުފުލާފައިވާއިރު ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަނީ ފަސް ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.