މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުގައި ސާބިއާގެ ލާސްލޯ ޖެރޭ އަތުން ފަހަތުންއަރައި މޮޅުވެ، ނޮވަކް ޖޮކޮވިޗް އެ މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ.

އާތަރ އޭޝް ސްޓޭޑިއަމް ކޯޓުގައި ރެކޯޑް އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ދެ ސެޓު ޖެރޭ ގެންގޮސްފައިވަނިކޮށް، މުބާރާތުގެ ދެވަނަ ސީޑް ޖޮކޮވިޗް ވަނީ ދެން ޖެހިގެންއައި ތިން ސެޓު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓު ޖެރޭ ގެންދިޔައީ 6-4، 6-4 އިންނެވެ. ނަމަވެސް، ދެން ޖެހިގެންއައި ތިން ސެޓު ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ޖޮކޮވިޗް ވަނީ 6-1، 6-1، އަދި 6-3 އިން ކާމިޔާބުކޮށްފައެވެ.

"އުއްމީދުކުރަން ހުރިހާ އެންމެން އެންޖޯއީ ކުރިކަމަށް. އެހެންނަމަވެސް ފުރަތަމަ ދެ ސެޓު އަހަރެންނަކަށް ކަމަކު ނުދޭ،" މެޗަށްފަހު ސަޕޯޓަރުންނާ މުޚާތަބްކޮށް ވާހަކަދައްކަމުން ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗް، 36، އިތުރަށް ބުނީ، މިއީ މިދިޔަ އަހަރު ތަކުގައި އޭނާ ކުޅުނު އެންމެ އުނދަގޫ އެއް މެޗަށް ކަމަށެވެ.

މިއީ ޖޮކޮވިޗްގެ ޓެނިސް ކެރިއަރުގައި ފަސް ސެޓަށް ދިގުދެމިގެންދިޔަ މެޗެއް ކާމިޔާބުކުރި 38 ވަނަ ފަހަރެވެ.

ޖޮކޮވިޗް ވަނީ މިހާތަނަށް ޔޫއެސް އޯޕަން ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، ޖޮކޮވިޗް ވަނީ 23 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ.