ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ތިން އިވެންޓަކުން ޒުވާން، ނަބާ ނިޝާން ޗެމްޕިއަންކަން ހޯދައިފިއެވެ.

ނަބާ ވަނީ ކުރިން ފަަހަރެކޭ އެއްގޮތަށް މި ފަހަރުގެ ގައުމީ ޓެނިސް މުބާރާތުގައި ވެސް ޖޫނިއާ އޯޕަން ސިންގަލްސްގެ އަންހެން ޗެމްޕިއަންކަމާއި އޯޕަންގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަމުގެ އިތުރުން އެންމެ ޝަރަފްވެރި އޯޕަން ސިންގްލަސް އަންހެން ބައިގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.

ރާއްޖޭގެ ކުޅިވަރު ތާރީހުން ޒުވާން އުމުރުގައި ޖާގަ ހޯދާފައިވާ ނަބާ ޖޫނިއަރ އޯޕަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އައިޝާ ޒޯޔާ ސުޒައިންގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. ނަބާ ދެ ސެޓުވެސް ކާމިޔާބުކުރީ 0-6 އިންނެވެ. އަންހެން އޯޕަން ސިންގަލްސްގެ ފައިނަލްގައި ނަބާ ވާދަކުރީ ނަޔާރާ އުސާމާ އަލީއާއެވެ. މި ބައިގެ ފައިނަލް ވެސް ނަބާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 1-6 އަދި ދެ ވަނަ ސެޓު 0-6 އިނެވެ. އަންހެން އޯޕަން ޑަބަލްސް ފައިނަލްގައި ނަބާއާއި ލަޔާން މުހައްމަދު ޝާމިންގެ ޕެއަރ ވާދަކުރީ އާއިޝަތު ޔުމްނު ނިޔާޒް އަދި މިޝަލް މުހައްމަދުގެ ޕެއަރއާއެވެ. ނަބާއާއި ލަޔާންގެ ޕެއަރއިން ފައިނަލް މެޗު ކާމިޔާބުކުރީ ފުރަތަމަ ސެޓު 3-6 އަދި ދެ ވަނަ ސެޓު 0-6 އިންނެވެ.

ބެންގަލޫރުގެ މަޝްހޫރު ޕަޑްކޯން ޑްރަވިޑް ސްޕޯޓްސް އެކަޑަމީގައި ޓްރެއިނިން ހަދަމުން އަންނަ، ނަބާ ވަނީ މި އަހަރު ތެރޭ އިންޑިއާގައި ވެސް ދެ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ޕޭސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަމާއި އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަމެވެ.

މީގެ ކުރިން އުމުރުން 11 އަހަރުގައި ނަބާ ވަނީ ގައުމީ ޓެނިސް މުބާރާތުގެ ތިން ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާފައެވެ. އެއާއެކު ނަބާ ވެގެން ދިޔައީ ގައުމީ މުބާރާތުގެ ރަން ތަށި ކާމިޔާބު ކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މި ފަހަރުގެ ގައުމީ ޓެނިސް މުބާރާތުގެ އޯޕަން ބައިގެ ފިިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ. އެއީ ފައިނަލުގައި ސައުދުﷲ އިބްރާހިމް ބަލިކޮށްފައެވެ. އޯޕަން ބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފާއީ އާއި އަހުމަދު ފާރިޒް ފަޒީލްގެ ޕެއާއެވެ. އޯޕަންސް ބައިގެ މިކްސް ޑަބަލްސް ޗެމްޕިއަނަކީ އަހުމަދު އައިހަމް ޝިޔާމް އާއި ނަޔާރާގެ ޕެއާއެވެ. ފިރިހެން 45 އަހަރުން މަތީގެ ތަށި އުފުލާލީ ސައުދުﷲ އެވެ. އެއީ ފައިނަލުގައި އިބްރާހިމް ރަޝީދު ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަންތޯޝް

    ޚޮބާ ރާއްޖޭގެ އެއްމެ މޮޅު ޓެނިސްކުޅުންތެރިޔާ އަރާ ޢަސިމް. ޢޭނަ ބައިވެރިނުވަނީތަ.

  2. ލަޔާ

    މިފަދަ ކުދިންގެ ކުރިއެރުމަށް ސަރުކާރުން އެހީނުވަނީ ކީއްވެބާ