ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި މިރޭ ސެވިއްޔާ އާއި 0-0 އިން އެއްވަރުކޮށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ބަޔާން މިއުނިކް ދަތުރުކޮށްފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 1-2 އިން ބަޔާން މޮޅުވެފައި އޮތުމުން ސެވިއްޔާ އަށް މިރޭ ކިރިޔާ ވެސް ފުރުސަތެއް އޮތީ ބަޔާން ކޮޅަށް މަދުވެގެން ދެ ގޯލު ޖަހައިގެންނެވެ.

ބަޔާންގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ގޯލްޖަހާނެ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެއެވެ.

އެގޮތުން ފުރަތަމަ ހާފްގައި ލެވެންޑޯސްކީ އާއި ހަމޭސް ރޮޑްރިގޭޒްގެ އިތުރުން ރިބެރީ ފޮނުވާލި ހަމަލާތައް ދިފާއުކުރީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސެވިއްޔާގެ ކީޕަރު ޑޭވިޑް ސޮރީއްޔާއެވެ.

ފުރަތަމަ ހާފްގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ސެވިއްޔާ އަށް ނުލިބުނު ނަމަވެސް ދެވަނަ ހާފްގައި އެޓީމުން ވަނީ ބަޔާންގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން ކޮރީޔާ ބޮލުން ފޮނުވާލި ހަމަލާ ބަޔާންގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ބަޔާންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ބަނޭގާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ބަޔާން އިން ސެވިއްޔާގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް އެޓީމަށް ވަނީ ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މެޗުގެ ފަހުވަގުތުކޮޅު ތެރޭ ސެވިއްޔާގެ ޑިފެންޑަރު ކޮރީޔާ އަށް ދެއްކި ރަތްކާޑާ އެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ބަޔާންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި މެޗު އެއްވަރުކޮށްލައިގެން ބަޔާން ސެމީ އަށް ދަތުރުކުރިއިރު، މިއީ ފާއިތުވި ހަތް އަހަރުތެރޭ މުބާރާތުގެ ސެމީ އަށް އެޓީމު ދަތުރުކުރި ހަވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސެމީގައި ބަޔާން ބައްދަލުކުރާނެ ޓީމެއް އިނގޭނީ ހުކުރު ދުވަހު ނަގާ ގުރުއަތުލުމުންނެވެ.