އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.

އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު ޔުނައިޓެޑް ކާމިޔާބުކުރީ 2-1 އިންނެވެ. މިއީ މި މިދިޔަ މަހު މައުރީސިއޯ ޕޮޗެޓީނޯގެ ބަދަލުގައި ޓޮޓެންހަމްގެ ކޯޗުކަމާއި ހޯސޭ މޮރީނިއޯ ހަވާލުވުމަށްފަހު އެޓީމް ބަލިވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑުން ހޯދި މި މޮޅާއެކު އެޓީމް ވަނީ 21 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ އަށް ޖެހިލައިފަ އެވެ. މި މެޗުން ބަލިވި ޓޮޓެންހަމް އޮތީ 20 ޕޮއިންޓާއެކު ފަނަރަ ވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ މާކަސް ރަޝްފޯޑެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި ރަޝްފޯޑް ޔުނައިޓެޑަށް ލީޑު ނަގައިދިން ނަމަވެސް ޓޮޓެންހަމްގެ ޑެލޭ އަލީ ވަނީ މި ހާފު ނިމުމުގެ ކުރިން އެޓީމަށް ނަތީޖާ ހަމަަހަމަ ކޮށްދީފަ އެވެ. ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނެގި ލަނޑު ރަޝްފޯޑް ކާމިޔާބުކުރީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓު ތެރޭގަ އެވެ.

ޔުނައިޓެޑުން މޮޅުވެ މުހިއްމު ތިން ޕޮއިންޓް ހޯދި އިރު ޗެލްސީ ވެސް ވަނީ ރޭ 2-1 އިން އެސްޓަން ވިލާ ބަލިކޮށް ތާވަލުގެ ހަތަރު ވަނައިގައި ހަމަޖެހިލައިފަ އެވެ. ސްޓަމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި ޗެލްސީ އަށް ލަނޑުތައް ޖަހައިދިނީ ޓެމީ އަބްރަހަމް އާއި މޭސަން މައުންޓް އެވެ. އެސްޓަން ވިލާ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓްރެޒެގޭ އެވެ. މި މޮޅާއެކު ޗެލްސީ ހަތަރުވަނައިގައި އޮތީ 29 ޕޮއިންޓް ހަމަކޮށްގެންނެވެ. ވިލާ އޮތީ 15 ޕޮއިންޓާއެކު ފަނަރަ ވަނައިގަ އެވެ.