އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް "އެސްޕީއައިއޭ އޭޝިއާ 2019" ދިރާގު ރޯޑް ރޭހަށް ލިބިއްޖެ އެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ލިބުނީ އެސްޕީއައިއޭ އޭޝިއާ އެވޯސްޑްގެ "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިންސްޕޯރޓްސް" ކެޓަގަރީގެ ބްރޯންޒް އެވޯޑެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާޓް ހޮޓެލްގައި ދުވުމުގެ ތަޖުރިބާކާރުންނާއި ދުނިޔޭގެ މަޝްހޫރު ދުވުންތެރިން ހިމެނޭ ގޮތަށް 600 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގައި ބާއްވާ ހަރަކާތަކަށް ބްރޯންޒް އެވޯޑެއް ލިބުނު އިރު މި އެވޯޑަށް ދިރާގު ރޯޑް ރޭހުން ވަނީ ބައިނަލްއަގުވާމީ ބޮޑެތި އަދި މަޝްހޫރު ދުވުންތަކާއި ވާދަކޮށްފަ އެވެ.

އޭޝިއާގެ ލީޑިން ސްޕޯޓްސް ބިޒްނަސް ކޮންފަރެންސް އަދި އެވޯޑް ޕްލެޓްފޯމްގެ މި ޝަރަފްވެރި އެވޯޑްގެ އެކި ކެޓަގަރީތަކަށް ދިރާގުގެ އިތުރުން އޭޝިއާގެ 47 ގައުމަކުން 500 އެއްހާ ފަރާތް ނޮމިނޭޓް ވިއެވެ. މިހަފްލާގައި ދިން ހުރިހާ އެވޯޑް ކެޓަގަރީއެއްގެ ދުވުންތައްވެސް އިންސާފުކޮށް ދެއްވައިފައިވަނީ ބައިނަލްއަގުވާމީ ކުޅިވަރު އެވޯޑް ތަކުގެ މިންގަނޑަށް ފެތޭ ގޮތަށް މިކަމަށް ހާއްސަކޮށް ހޮވާލެވިފައިވާ ތަޖުރިބާކާރު ޖަޖުންގެ ޕެނަލަކުންނެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ އިތުރު ހަތަރު ކެޓަގަރީ އަކުން ނޮމިނޭޓް ވެފަ އެވެ. އޭގެ ތެރޭގައި ބެސްޓް ސްޕޯޓްސް ފޭން އެންގޭޖްމަންޓް ކެމްޕެއިން އޮފް ދަ އިޔާ އާއި ބެސްޓް އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިން ފޮ އަ ސްޕޯޓިން އިވެންޓް އާއި ބެސްޓް ސްޕޯޓްސް ސީއެސްއާރް އިނީޝިއޭޓިވް އޮފް ދަ އިޔާގެ އިތުރުން ބެސްޓް ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަން ކެމްޕެއިން އޮފް ދަ އިޔާ ހިމެނެ އެވެ.

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް" އަކީ އައިއޯޓީ ބޭނުންކޮށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ރޭހެވެ. ރޭހުގައި ބައިވެރިވާން ރެޖިސްޓަރ ކުރާ ހިސާބުން ފެށިގެން ރޭސް ނިންމުމާއި ހަމައަށް ދިރާގުން ދަނީ ދުވުންތެރިންނަށް ޑިޖިޓަލް ވަސީލަތްތަކުން ރޭހުގެ އެކި އެކި ކަންތައްތަކުގައި ލުއިފަސޭހަތަކެއް ފޯރުކޮށް ދެމުންނެވެ. އެގޮތުން ދިރާގުން ވަނީ މި ރޭހަށް ހާއްސަ ކޮށްގެން މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފު ކޮށްފަ އެވެ. މި އެޕް މެދުވެރިކޮށް ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ހާއްސަ ޗިޕެއްގެ ޒަރިއްޔާއިން ނަގާލެވޭ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދޭނެ އެވެ. މީގެ އިތުރުން މިއަހަރުގެ ރޭހުގައި ދިރާގުން ވަނީ ސައުތު އޭޝިއާގައިވެސް އަލަށް 5ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް ރޯޑް ރޭސް ޓީވީ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކޮށްފަ އެވެ.

2007 ވަނަ އަހަރު ދިރާގުން ފެށި ރޯޑް ރޭސް ހަރަކާތަކީ މިހާރު ރާއްޖޭގައި ބޭއްވޭ އެންމެ މަގުބޫލު ކުޅިވަރު ހަރަކާތެވެ. 150 އެއްހާ ބައިވެރިންނާ އެކު މީގެ 12 އަހަރު ކުރިން ފެށި ރޭހުގައި މިހާރު، މަތީ ފަންތީގެ ދުވުންތެރިންނާއި އާއްމުންނާ އެކު 5000 އެއްހާ ދުވުންތެރިން ވާދަކުރެ އެވެ.