އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ދުވުމުގެ އެންމެ ބޮޑު ރޭސް، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބިބް އެކްސްޕޯ މިއަދު ފަށައިފި އެވެ.

ދިރާގު ހެޑްއޮފީހުގައި މިއަދު މެންދުރުފަހު 2 ޖެހިއިރު ފެށި ބިބް އެކްސްޕޯ މިއަދާއި މާދަމާ ވެސް އޮންނާނެ އެވެ. އެކްސްޕޯގައި ދޫކުރާ، ކިޓް ދަބަހުގައި އޮންނާނީ އިލެކްޓްރޯނިކް ޓައިމިން ޗިޕެއް ހިމެނޭ ބިބަކާއި ރޭސް ޓީޝާޓެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި އޮންނާނީ މައިގަނޑު ދެ ކެގަޓަރީ އެކެވެ. އެއީ ދެ ބުރު ޖަހަން ޖެހޭ 10 ކިލޯމީޓަރުގެ ރޭހާއި އެއް ބުރު ޖަހަން ޖެހޭ ފަސް ކިލޯމީޓަރުގެ ރޭހެވެ. މީގެ ތެރެއިން 10 ކިލޯމީޓަރުގައި ހިމެނެނީ އޯޕަން ބައި އެކަންޏެވެ. ފަސް ކިލޯމީޓަރު ރޭހުގައި އޯޕަން ބައިގެ އިތުރުން 45 އަހަރުން މަތި އަދި 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ އާއި 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ ހިމެނެ އެވެ.

ރޭހުގެ ކޮންމެ ކެޓަގަރީއެއްގައި ވެސް އަންހެން، ފިރިހެން ބައި ވަކިން އޮންނައިރު ވަނަ ހޮވާނީ ވެސް ވަކިންނެވެ. އަދި ސްކޫލް ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއަކުން ގަދަ ތިނެއް ހޮވައި ފައިސާގެ އިނާމް ދޭނެ އެވެ. ސްލޫކް ކެޓަގަރީން އެއް ވަނަ ހޯދާ ދުވުންތެރިންނަށް ޕްރައިޒް ވައުޗަރަކާއި ޓްރޮފީ އަދި މެޑަލް ލިބޭއިރު ދެ ވަނަ އަދި ތިން ވަނަ ހޯދާ ދުވުންތެރިންނަށް މެޑަލް ލިބޭނެ އެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އަޅަނީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ.

ކުރިން މާލޭގައި ބާއްވަމުން އައި ރޯޑް ރޭސް ހުޅުމާލޭގައި ބާއްވަން ފެށީީ 2016 ވަނަ އަހަރުން ފެށިގެންނެވެ.