ޗެމްޕިއަންސް ލީގުގައި ރޭ ބެލްޖިއަމްގެ ކްލަބް ބްރޫޖްގެ މައްޗަށް ކުރިހޯދައި ރެއާލް މެޑްރިޑުން މޮޅަކާއެކު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައިފި އެވެ.

ބްރޫޖްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 3-1 އިންނެވެ. މި މޮޅާއެކު ރެއާލް ގްރޫޕް ސްޓޭޖް ނިންމާލީ 11 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުގެ އެއްވަނަ ހޯދީ ހަ މެޗުން 16 ޕޮއިންޓް ހަމަކުރި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އެވެ. 03 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައި ނިންމާލައި ބްރޫޖް އިން ވަނީ ޔުރޮޕާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މި ގްރޫޕުގެ ފުލަށް ދިޔައީ ހަ މެޗުން ދެ ޕޮއިންޓް ލިބުނު ތުރުކީގެ ގަލަޓަސަރާއި އެވެ.

ރަށުން ބޭރުން ރެއާލް ރޭގެ މެޗު ކާމިޔާބުކުރި އިރު މި މެޗުގައި ފެނިޔެންދިޔަ ހަތަރު ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގަ އެވެ. އަލްވާރޯ އޮޑްރިއޮޒޯލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮޑްރީގޯ 53 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިންތާ ދެ މިނެޓު ނުވަނީސް ބްރޫޖްގެ ހަންސް ވަނަކެން ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ރެއާލަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ 64 ވަނަ މިނެޓުގައި ރޮޑްރީގޯ ދިން ބޯޅައެއްގައި ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ކަސެމީރޯ ޖައްސާލި ބޯޅައެއްގައި ލޫކާ މޮޑްރިޗް ވަނީ ބްރޫޖްގެ ގޯލު ފޫއަޅުވާލައި ރެއާލްގެ ލީޑު ފުޅާކޮށްދީފަ އެވެ.

ރެއާލްގެ އިތުރުން ޕީއެސްޖީ ވެސް ވަނީ އެޓީމު ކުޅުނު މެޗު ފަސޭހަކަމާއެކު 5-0 އިން ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ގަލަޓަސަރާއި އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ޕީއެސްޖީ އަށް ލަނޑުތައް ޖަހައިދިނީ ނޭމާ އާއި ކީލިއަން އެމްބާޕެ އާއި ޕަބްލޯ ސަރާބިއާ އާއި އެޑިންސަން ކަވާނީގެ އިތުރުން މައުރޯ އިކާޑީއެވެ.