އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޯންމައުތް އަތުން ޗެލްސީ ބަލިވި އިރު ނޯވިޗް ސިޓީން ލެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނެސްފި އެވެ.

ލީގުގައި ރޭ ސްޓަމްފޯޑް ބްރިޖްގައި ބޯންމައުތް އާއި ވާދަކުރި މެޗުން ޗެލްސީ ބަލިވީ 1-0 އިންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ބޯންމައުތަށް ޖަހައިދިނީ ޑަން ގޯސްލިންގް އެވެ.

މި މެޗުން ބަލިވުމުން ތާވަލުގެ ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކުރުމަށް ޗެލްސީ އަށް ލިބުނު ފުރުސަތު ގެއްލިގެންދިޔަ އިރު އެޓީމް ވަނީ ތާވަލުގެ ހަތަރުވަނައިގައި 29 ޕޮއިންޓާއެކު ތާށިވެފަ އެވެ. މިއީ ލީގުގައި ޖެހިޖެހިގެން ޗެލްސީ ބަލިވި ދެވަނަ މެޗެވެ. ޗެލްސީގެ މައްޗަށް ލިބުނު މޮޅާއެކު ބޯންމައުތް ވަނީ 19 ޕޮއިންޓާއެކު ތާވަލުގެ 17 ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.

ޗެލްސީ ބަލިވި އިރު ކިންގް ޕަވާ ސްޓޭޑިއަމްގައި ނޯވިޗް ސިޓީން ވަނީ ލެސްޓާ ސިޓީ މޮޅުވިޔަނުދީ 1-1 ހިފަހައްޓައިފަ އެވެ. މިއީ ޕްރިމިއާ ލީގުގައި ލެސްޓާ އެންމެ ފަހުން ކުޅުނު 9 މެޗު ތެރެއިން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ޓީމު ޕުއްކީ ޖަހައިދިން ލަނޑުން ނޯވިޗް އިން ލީޑު ނެގި ނަމަވެސް އެޓީމުގެ ކީޕަރު ޓިމް ކްރުލް އަތުން ބައިކޮޅަށް ވަން ލަނޑުން 38 ވަނަ މިނެޓުގައި ލެސްޓާ އަށް ނަތީޖާ ހަމަހަމަވެގެންދިޔަ އެވެ.

މެޗުން ތިން ޕޮއިންޓް ހޯދަން ލެސްޓާގެ ޖޭމީ ވާޑީ އާއި ޖޭމްސް މެޑިސަން އަށް ދެވަނަ ހާފުގައި ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ދެކުޅުންތެރިން ފޮނުވާލި ހަމަލާތައް ކްރުލް ވަނީ މަތަކޮށްފަ އެވެ.

ލެސްޓާ އެއްވަރުވުމުން ތާވަލު ލީޑް ކުރަމުން އަންނަ ލިވަޕޫލާއި އެޓީމާއި ދެމެދު އޮތް ފަރަގު ވަނީ 10 ޕޮއިންޓަށް ބޮޑުވެފަ އެވެ. ލިވަޕޫލް ވަނީ އެޓީމު ރޭ ކުޅުނު މެޗުގައި ވެޓްފޯޑާއި ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ.