ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ހަގު ދަރިފުޅާއި އެކު ގޭމް ކުޅެން އިންނަ މަންޒަރު ފެންނަ ވީޑިއޯ އެއް ދާދިފަހުން އޭނާ ވަނީ ޢާންމުކޮށްފައެވެ،

ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖަމަން (ޕީއެސްޖީ) އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ރޮނާލްޑޯ އާއްމު ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ އޭނާގެ ދަރިފުޅު، ގާތުގައި ބައިންދައިގެން ފެން އަޅާފައި ހުރި ތައްޓެއްގެ ތެރެއަށް ޕްލާސްޓިކް ބޯޅަތަކެއް ވައްޓަން ރޮނާލްޑޯ މަސައްކަތް ކުރާތަނެވެ.

ރޮނާލްޑޯ ޢާންމުކުރި ވީޑިއޯއިން ނަގާފައިވާ މަންޒަރެއް

ޓްވިޓާގައި ރޮނާލްޑޯ އާއްމު ކޮށްފައިވާ ވީޑިއޯ އަށް ގިނަ ބައެއްގެ ތަރުޙީބު ލިބެމުން އަންނަ އިރުގައި ރޮނާލްޑޯ ބުނެފައި ވަނީ މި ގޭމް ކުޅުމުން އޭނާ ވަރަށް އުފާވާ ކަމަށާއި އަދި މިއީ އޭނާ އެންމެ ކުޅޭ ހިތްވާ ގޭމް ކަމަށެވެ.

ވީޑިއޯ އިން އެ ތަށީގެ ތެރެއަށް ބޯޅަ ވެއްޓުމަށް 29 ފަހަރެއްގެ މަތިން ރޮނާލްޑޯ މަސައްކަތް ކުރިތަން ފެނިގަން ދާއިރު، އޭގެ ތެރެއިން ތިން ފަހަރު އޭނާ ވަނީ އެކަން ކާމިޔާބު ކޮށްފައެވެ.

ޕީއެސްޖީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އާއިލާ އާއި އެކު ވަގުތު ހޭދަ ކޮށް، ސިކުނޑި ތާޒާ ކޮށްލަން ރޮނާލްޑޯ ކުރިންވެސް ބޭނުންވެފައި ހުރިއިރު، އެ މެޗަކީ އޭނާ އަށް އެތައް ގޮތަކުން މުހިއްމު މެޗެކެވެ. އެގޮތުން ރެއާލް މެޑްރިޑުން ޕީއެސްޖީގެ ނޭމާ ހޯދަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަ މި ދަނޑިވަޅުގައި ޕީއެސްޖީ ބަލިކޮށް، ނޭމާ ހުއްޓުވުމަކީ ރޮނާލްޑޯ ރެއާލްގައި މަޑުކުރަން ބޭނުންނަމަ، ވަރަށް މުހިއްމު ކަމަކަށް ވާނެއެވެ.