އަމިއްލަ ދަނޑުގައި އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ނޮޓިންގްހަމް ފޮރެސްޓް ބަލިކޮށް ޗެލްސީން އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ލަންޑަންގެ ސްޓަމްފޯޑް ބްރިޖްގައި މި ދެޓީމް ރޭ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކުރީ 2-0 އިންނެވެ. މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 6 ވަނަ މިނެޓުގައި ޕެޑްރޯ ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ ކަލަމް ހަޑްސަން އެވެ. އޭގެ ފަހުން ރޮސް ބާކްލޭ ވަނީ 33 ވަނަ މިނެޓުގައި ޗެލްސީގެ ލީޑު ފުޅާކޮށްދީފަ އެވެ.

ޗެލްސީ އަށް ދެން ކުރިއަށް އޮތީ އަމިއްލަ ދަނޑުގައި އަންނަ ހޮނިހިރު ދުވަހު ބާންލީ އާއި ދެކޮޅަށް ކުޅެން އޮތް ލީގް މެޗެވެ. ޗެމްޕިއަންޝިޕްގައި ނޮޓިންގްހަމް ފޮރެސްޓް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ވާދަކުރާނީ ރެޑިންއާ އެވެ.

އެފްއޭ ކަޕްގައި ރޭ ކުޅުނު އެހެން މެޗެއްގައި މިޑިލްސްބޮރޯ ވަނީ ޓޮޓެންހަމް ހޮޓްސްޕާސް ހިފަހައްޓައިފަ އެވެ. ޗެމްޕިއަންޝިޕްގައި ކުޅެމުން އަންނަ މިޑިލްސްބޮރޯގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.