އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ގަދަ ހަތަރަކަށް އެރުމަށް މެންޗެސްޓާ ޔުނައިޓެޑު ކުރަމުންދާ މަސަތްކަތަށް އަނެއްކާވެސް ހުރަސްތަކެއް އެޅިއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ތާވަލުގެ ތޭރަ ވަނައިގައި އޮތް ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ 2-0 އިންނެވެ. އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ބާންލީގެ ގޯލަށް މާއެދެވޭ ހަމަލާއެއް އެ ޓީމަކަށް ފޮނުވާލެވިފައި ނުވެ އެވެ.

ޔުނައިޓެޑުގެ އެޓޭކުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން މި ސީޒަނުގައި އެންމެ ރަނގަޅަށް ކުޅުމެއް ދައްކަމުން އައި މާކަސް ރަޝްފޯޑު އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގައި ހުރިއިރު ރޭގެ މެޗުގައި އޭނާ ނެތް ތަންކޮޅު ވަރަށް ބޮޑަށް ފާހަގަވިއެވެ. ބާންލީގެ ގޯލަށް ރަނގަޅު ހަމަލާއެއް ޔުނައިޓެޑަށް ފޮނުވާނުލެވި އުޅެނިކޮށް މެޗުގެ 39 ވަނަ މިނެޓުގައި ކްރިސް ވުޑް ވަނީ ޔުނައިޓެޑުގެ ގޯލު ފޫއަޅުވާލައި ބާންލީ އަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑް ފެނުނީ ފުރަތަމަ ހާފަށް ވުރެ ގޯސްކޮށެވެ. އެޓީމުގެ އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން އަންދްރެއާސް ޕެރޭރާގެ ބަދަލުގައި ކޯޗު އޮލޭ ގުނަ ސޯލްޝެއާ މި ހާފުގައި މޭސަން ގްރީންވުޑް އެރުވި ނަމަވެސް ބާންލީގެ ޑިފެންސް ލައިނު ފެނުނީ އެއަށްވުރެ ހުޝިޔާރުކޮށެވެ. މެޗުން ޕޮއިންޓެއް ހޯދުމަށް ޔުނައިޓެޑުން ކުރަމުން ދިޔަ މަސަތްކަތް ފެނަށް ދިޔައީ 56 ވަނަ މިނެޓުގައި ބާންލީން އިތުރު ލަނޑެއް ޖެހުމުންނެވެ. ކެޕްޓަން ހެރީ މެގުއާ ކައިރިން ނައްޓާލުމަށްފަހު ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ޖެހީ ޖޭ ރޮޑްރިގޭޒް އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 34 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައެވެ. ބާންލީ އަށް ތޭރަ ވަނަ ލިބެނީ 30 ޕޮއިންޓާއެކު އެވެ.

ޕްރިމިއާ ލީގުގައި ރޭ ދެން ކުޅުނު މެޗުގައި ލެސްޓާ ސިޓީން ވަނީ ފަސޭހަކަމާއެކު ވެސްޓް ހަމް ޔުނައިޓެޑް ބަލިކޮށް ދެވަނައިގައި އޮތް ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އެޓީމާ ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު އަނެއްކާވެސް ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. ސިޓީން 51 ޕޮއިންޓް ހަމަކޮށްފައިވާއިރު ލެސްޓާ ތިންވަނަ މަގާމުގައި އޮތީ 48 ޕޮއިންޓް ހޯދައިގެންނެވެ.