ރާއްޖޭގެ އެންމެ ދުވަސްވީ ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްއޭ ކަޕްގެ ގުރު ނެގުން މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މި އަހަރުގެ އެފްއޭ ކަޕްގައި އަށް ޓީމަކުން ވާދަކުރާނެއެވެ. އެއީ ދިރާގު ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ފޯކައިދޫ ފުޓުބޯޅަ ކްލަބް، ވިލިމާލެ ޔުނައިޓެޑްގެ އިތުރުން ކްލަބް އޭދަފުއްޓެވެ. ކުރިން ނުވަ ޓީމުން މުބާރާތުގައި ބައިވެރިވި ނަމަވެސް ގުރު ނެގުމުގެ ކުރިން ލެގޫންސް ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުން ވަކިވެފަ އެވެ.

އެއްއަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އެފްއޭކަޕް އަންނަ މާޗް މަހުގެ ކުރީކޮޅު ފަށާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އޭދަފުށިއެވެ.

އެފްއޭ ކަޕް 2020 ގެ ގުރުއަތުލުން ކުރިއަށްދަނީ - ވަގުތު އިމޭޖްސް - އަޝްހާދު އަބްދުﷲ

ޓީސީ އާއި އޭދަފުށި މެޗުން މާޗް މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު މުބާރާތް ފަށާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ އާއި ދަ ގްރާންޑޭ އެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ދެ މެޗުން މޮޅުވާ ދެޓީމު ފުރަތަމަ ސެމީގައި ވާދަކުރާނެ އެވެ. މާޗް ހަ ވަނަ ދުވަހުގެ މާޒިޔާ އާއި ގްރީން ސްޓްރީޓްސް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ 16 މާޗް ވާ ހޯމަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 19 ވަނަ ވާ ބުރާސްފަތި ދުވަހު އެވެ.

އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ކުޅުންތެރިންގެ މުސާރައިގެ މައްސަލަތަކުގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައިވާތީ މި ސީޒަނުގައި އެ ކްލަބުން ފުރަތަމަ ޑިވިޝަނުގައި ވާދައެއްނުކުރެ އެވެ.

2018 ވަނަ އަހަރު އެފްއޭ ކަޕް ނުބާއްވަން އެފްއޭއެމް އިން ނިންމީ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް ދިގު މުއްދަތަކަށް ލީގު މެދުކަނޑާލުމުން ސީޒަން މާބޮޑަށް ދިގުލައިގެން ދިއުމުންނެވެ. މިދިޔަ އަހަރު އެފްއޭ ކަޕް ނުބޭއްވީ އެފްއޭއެމް އިން ކަލަންޑަރަށް ގެނައި ބަދަލާއެކު ޖޫން މަހު ސީޒަން ފެށުމުންނެވެ. އޭގެ ކުރިން 2015 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަން ދަލޮޅު ދަނޑު ބޭނުން ކުރުމުގެ ސަބަބުން ދަނޑުގެ ވިނަގަނޑު ހަލާކުވެ އެ އަހަރު ވެސް އެފްއޭ ކަޕް ބާއްވާފައިނުވެ އެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ކޮލިފައިންގް ބުރުން ފުރުސަތު ލިބޭނެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން މާޒިޔާ އަށެވެ. މާޒިޔާއިން މިފަހަރުގެ އެއްފޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރަށް ދާނީ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އެވެ.