އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި މާލޭގައި ކުޅޭ މެޗުގައި މާޒިޔާ ބަލިކުރުން ނޫން ވިސްނުމެއް ނުގެންގުޅޭ ކަމަށް ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާގެ ކޯޗު މާރިއޯ ލެމޯސް ބުނެފިއެވެ.

ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މި މަހުގެ ފަސް ވަނަ ދުވަހު ޑާކާގައި ކުޅުނު މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރު ވެގެންނެވެ.

މި ދެޓީމުގެ ތެރެއިން އެގްރިގޭޓުން ކުރި ހޯދައި ޕްލޭއޮފް ބުރަށް ދަތުރު ކުރާ ޓީމެއް ޔަގީންވާނީ އަންނަ ބުދަ ދުވަހު މާލޭގައި ކުޅޭ ދެ ވަނަ ލެގު މެޗަށް ފަހު އެވެ. ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް އެ ޓީމަކަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ. އެ މެޗު 0-0 ނުވަތަ 1-1 އިން އެއްވަރުކޮށްލައިގެން ވެސް މާޒިޔާއަށް ކޮލިފައިންގެ އަނެއް ބުރުން ފުރުސަތު ލިބޭއިރު 2-2 އަށް ވުރެ ބޮޑު ނަތީޖާއަކުން އެއްވަރުވެއްޖެއްޔާ ފުރުސަތު ލިބޭނީ އަބަހާނީ އަށެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނީ މެޗާ ކުރިމަތިލާއިރު އެޑްވަންޓޭޖް އޮތީ މާޒިޔާ އަށް ނަމަވެސް މާލޭގައި ދިވެހި ޓީމުގެ މައްޗަށް ކުރިހޯދޭނެ ފެންވަރު އޭނާގެ ޓީމުގައި އެބަހުރި ކަމަށެވެ. ލެމޯސް ބުނީ އަބަހާނީ އަކީ މާޒިޔާ އަށްވުރެ ވަރުގަދަ ޓީމުތައް ކައިރިން ވެސް ނަތީޖާ ނެރެފައިވާ ޓީމެއް ކަމުން މާޒިޔާ ބަލިކުރުމަކީ ވެސް އެޓީމަށް ވަކި ނުވާނެ ކަމެއް ނޫން ކަމަށެވެ.

" ދެ އަވޭ ގޯލާއެކު މާޒިޔާ އަށް އެޑްވަންޓޭޖް އޮތީ. އެހެން ކަމުން މާލޭގައި ކުޅޭ މެޗުން މޮޅުވުން ނޫން ގޮތެއް އަހަރެމެންނަށް ނެތް. އަހަރެމެން މެޗާ ކުރިމަތިލާނީ ވެސް މޮޅުވާން. މާޒިޔާ ވަރުގަދަ. އެކަމަކު އަހަރެންގެ ޓީމުން އެބަހުރި މިއަށްވުރެ ވަރުގަދަ ޓީމުތައް އަތުން ވެސް ނަތީޖާ ނެރެފައި. ރަނގަޅު އެޓިޓިއުޑެއްގައި ކުޅެފިނަމަ މިއީކީ ނުވާވަރުގެ ކަމެއް ނޫން، " ލެމޯސް ބުންޏެވެ.

މި މެޗަށް އަބަހާނީ ނުކުންނަ އިރު އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ނުތަނަވަސްކަމަކީ ބަންގްލަދޭޝް ގައުމީ ޓީމުގެ ޑިފެންޑަރު ޓުޓުލް ހުސައިން ބަދްޝާ އަށް މެޗުގައި ނުކުޅެވުމުގެ ބިރު ހީވެފައި އޮތުމެވެ. ބަނޑަށް ތަދުވާތީވެ އޭނާ އަށް ފުރަތަމަ ލެގުގައި ވެސް ނުކުޅެވުނު އިރު ކޯޗު ލެމޯސް ބުނީ ދެވަނަ ލެގުގައި ވެސް ހުސައިން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

ޕްރިލިމިނަރީ ބުރުގެ ދެ ލެގުގެ އެގްރިގޭޓުން ކުރި ލިބޭ ޓީމެއް ކޮލިފައިންގެ އަނެއް ބުރުގައި ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީއާ އެވެ. ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގްގައި ބެންގަލޫރު އެފްސީ މިއަދު ވަނީ ރަށުން ބޭރުގައި ބޫޓާންގެ ޕަރޯ އެފްސީ 1-0 އިން ބަލިކޮށްފަ އެވެ.