އިނގިރޭސި ޕްރެމިއާ ލީގުގައި އާސެނަލް އިން ނިއުކާސަލް ޔުނައިޓެޑް އަތުން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބުކުރީ 4-0 އިންނެވެ. މި މޮޅާއެކު އެޓީމުން ވަނީ ތާވަލުގެ 10 ވަނަ މަގާމަށް ކުރިއަށް ޖެހިލައިފައެވެ. އާސެނަލް އަށް ލިބިފައިވަނީ 26 މެޗުން 34 ޕޮއިންޓެވެ. ނިއުކާސަލް އޮތީ 31 ޕޮއިންޓާއެކު 13 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތީ 75 ޕޮއިންޓާއެކު ލިވަޕޫލެވެ. ދެވަނައިގައި 51 ޕޮއިންޓާއެކު ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި އޮތީ 50 ޕޮއިންޓާއެކު ލެސްޓާ ސިޓީ އެވެ.

ރޭ އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ އަވޭ ޓީމުންނެވެ. އެގޮތުން މިޑްފީލްޑަރު ޝޯން ލޯންގްސްޓަފް ފޮނުވާލި ބޯޅަ ހުއްޓުވުމުގައި ބާންޑް ލެނޯ މަސަތްކަތް ކުރަން ޖެހުނުއިރު ފޯވަޑް ޖޯލިންޓަން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓުގައި އާސެނަލްގެ ފަރާތުން ނިއުކާސަލްގެ ގޯލާ އަމާޒުކޮށް މާ އެދެވޭ ހަމަލާތަކެއް ފޮނުވާލެވިފައި ނުވި ނަމަވެސް އެޓީމުން މި ހާފު ނިންމާލީ ވަރުގަދަކޮށެވެ. އެގޮތުން ޕިއެރޭ އެމެރިކް އޮބާމެޔާންގް އާއި ނިކޮލަސް ޕެޕޭގެ އިތުރުން އެޑީ ނެކެޓިއާ ފޮނުވާލި ހަމަލާތަކުން ނިއުކާސަލްގެ ގޯލު ސަލާމަތްކޮށްދިނީ ކީޕަރު މާޓިން ޑުބްރަވްކާ އެވެ.

އާސެނަލް އިން ދެވަނަ ހާފު ފެށީ ވެސް ވަރުގަދަކޮށެވެ. މި ހާފުގެ ކުރީކޮޅު ޕެޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނެކެޓިއާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވި ނަމަވެސް ޖެހިގެން އައި ފުރުސަތުގައި އާސެނަލުން ވަނީ ޑުބްރަވްކާގެ ގޯލު ފޫއަޅުވާލާފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޕެޕޭގެ އެހީތެރިކަމާއެކު މި ލަނޑު އާސެނަލް އަށް ކާމިޔާބުކޮށްދިނީ އޮބާމެޔާންގް އެވެ. މިއީ ގެބޮން ފޯވަޑް ލީގުގައި މިހާތަނަށް ޖެހި 15 ވަނަ ލަނޑެވެ.

އާސެނަލްގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ބުކާޔޯ ސާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެޕޭ އެވެ. އާސެނަލުން ދެ ލަނޑުގެ ލީޑެއް ނަގާފައި އޮއްވާ، މެޗުގެ ނަތީޖާ އަނބުރާލަން ނިއުކާސަލް އަށް ކައިރި ކައިރީގައި ރަނުގެ ދެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް ކިއަރަން ކްލާކް ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވެ ބޭރަށްދިޔަ އިރު އަލާން ސެއިންޓް މެގްޒިމިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގައި އާސެނަލުން ޖެހި ތިންވަނަ ލަނޑު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ. އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ފޯވަޑް އެލެގްޒަންޑާ ލަކަޒަޓް އެވެ. މިއީ ފްރާންސް ފޯވަޑް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ލީގުގައި ޖެހި ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މޮޅަކީ މިކެލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލުން ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގައި ހޯދި ދެވަނަ މޮޅެވެ. އާސެނަލުން މީގެ ކުރިން ލީގު މެޗެއް ކާމިޔާބުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ. އެއީ އެމިރޭޓްސްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗެވެ.

އާސެނަލް އަށް ދެން ކުރިއަށް އޮތީ ޔުރޮޕާ ލީގުގެ ދެވަނަ ބުރުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮލިމްޕިއާކޮސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.