އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އެޓީމު ކުރަމުން އަންނަ މަސަތްކަތުގައި ފިޔަވަޅެއް ކުރިއަށް އަޅައިފިއެވެ.

ސްޓަމްފޯޑް ބްރިޖްގައި ރޭ ޗެލްސީގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދީ 2-0 އިންނެވެ. މި މޮޅާއެކު ޔުނައިޓެޑުން ވަނީ 26 މެޗުން 38 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައެވެ. 26 މެޗުން 41 ޕޮއިންޓް ހަމަކޮށްގެން ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. އެއްވަނައިގައި އޮތީ 75 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ. ދެވަނައިގައި 51 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.

ރޭ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެއަރޮން ވަން ބިސާކާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންތޮނީ މާޝަލް އެވެ. ޗެލްސީގެ އަރިމަތިން ވަން ބިސާކާ ނަގައިދިން ހުރަސްގައި މާޝަލް ބޮލުން ފޮނުވާލި ބޯޅަ ހުއްޓުވުމުގައި ޗެލްސީގެ ކީޕަރަށް މާބޮޑު މަސަތްކަތެއް ކުރެވޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި ލީޑު ނަގަން ޗެލްސީގެ ފޯވަޑް މިޗީ ބަޓްޝުއާއީ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް ޕެޑްރޯ ޖައްސާލި ބޯޅައިގައި އޭނާ ތިރިތިރިން ގޯލަށް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ޔުނައިޓެޑުން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ބްރޫނޯ ފާނަންޑޭޒް ނަގައިދިން ކޯނަރެއްގައި ކެޕްޓަން ހެރީ މެގުއާ ބޮލުން ޖެހި ލަނޑުންނެވެ.

މެޗުގައި ޗެލްސީން ދެ ފަހަރެއްގެ މަތިން ޔުނައިޓެޑުގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ވަނީ އެ ލަނޑުތައް ބާތިލްކޮށްފައެވެ. ފުރަތަމަ ފަހަރު، ކޯނަރެއްގައި ކާޓް ޒޫމާ ޑެހެއާގެ ގޯލު ފޫއަޅުވާލި އިރު ރެފްރީ އެ ލަނޑު ބާތިލް ކުރީ ޔުނައިޓެޑުގެ ޑިފެންޑަރު ބްރަންޑަން ވިލިއަމްސް އަށް ޗެލްސީގެ ސެޒާ އަޒްޕިލިކުއެޓާ ފައުލްކޮށްފައިވާ ކަމަށް ބުނެ އެވެ. އޭގެ ފަހުން މެޗު ނިމެން ކައިރިވެފައި ވަނިކޮށް މޭސަން މައުންޓް ނަގައިދިން ހުރަހެއްގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮލިވިއާ ޖިރޫޑް ބޮލުން ބޯޅަ ގޯލު ތެރެއަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑުން ތިންވަނަ ލަނޑެއް ޖެހުމާއި ގާތަށް ދިޔައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިގްހާލޯ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ވަނީ މަތަކޮށްފައެވެ.