ފައިނަލުގައި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބު ބަލިކޮށް، ކުލަބު މޯލްޑިވްސްގެ ޗެމްޕިއަންކަން ކްލަބު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ކްލަބު ޓީސީއެލް) އިން ހޯދައިފިއެވެ.

ޗެމްޕިއަންކަން ކްލަބު ޓީސީއެލްއިން ހޯދީ މާފަންނު ސްޓޭޑިއަމް މިނީ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި މޯލްޑިވިއަން ރެކްރިއޭޝަން ކުލަބުގެ މައްޗަށް 4-1ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގައި ޓީސީއެލްއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު ލިޔާހު ކާމިޔާބުކޮށްދީ ހެޓްރިކް ހަދާފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިއްފަތެވެ. މޯލްޑިވިއަންގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށް ދިނީ ހުސައިން އަފްސަލްއެވެ.

ތިލަފުށީ ކޯޕަރޭޝަން އާއި މޯލްޑިވިއަން ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ: ކްލަބް މޯލްޑިވްސް
ތިލަފުށީ ކޯޕަރޭޝަން އާއި މޯލްޑިވިއަން ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ: ކްލަބް މޯލްޑިވްސް

މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ގްރޭޓާ މާލޭ ރީޖަން އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ޓީސީއެލްގެ މުހައްމަދު ލިޔާހުއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ދިރާގުގެ ނާއިފް ޝަފީގް ހޮވުން އިރު އެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ކްލަބު އެމްޓީސީސީއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޓީސީއެލްގެ ކޯޗު އަހްމަދު އިރުފާން ހޮވުނު އިރު މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އުރީދޫގެ މުހައްމަދު ފާސިރެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މޯލްޑިވިއަންގެ ހުސައިން އަފްޒަލް އަދި އެޓީމުގެ އަބްދުﷲ ޝައްފާނާއި، ޓީސީއެލްގެ މުހައްމަދު ރިއްފަތާއި، އެޓީމުގެ މުހައްމަދު ލިޔާހާއި، އެޓީމުގެ ގޯލްކީޕަރު އިސްމާއިލް ފާތިހެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އެވެ. މިއީ މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބޭއްވި 13 ވަނަ އަހަރެވެ.