އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ވާދަކުރަން ޖެހޭ ބެންގަލޫރު އެފްސީ އަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި ގްރޫޕް ސްޓޭޖުން ޖާގައެއް ލިބެން އޮތީ ދެ ލެގުގައި ވެސް މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ސަތޭކަ ޕަސެންޓް ފެނިގެން ކަމަށް ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި މާޒިޔާ ޕްލޭ އޮފަށް ދަތުރުކޮށްފައިވާއިރު މިބުރުގައި އެޓީމު ކުޅެން ޖެހެނީ އާ ޓީމަކާ ނޫނެވެ. މާޒިޔާ ވަނީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ބެންގަލޫރާ ވާދަކޮށްފައެވެ. 2015 އަދި 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގެ ތެރެއިން ކުޅުނު އެ ހަތަރު މެޗު ވެސް ކާމިޔާބު ކުރީ އިންޑިއާ ޓީމުންނެވެ.

މާދަމާ ހަވީރު މާލޭގައި ކުޅޭ ފުރަތަމަ ލެގު މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ ބެންގަލޫރަކީ ޕްރޮފެޝަނަލް އަދި ބޮޑެތި މުބާރާތްތަކުގައި ނަތީޖާ ނެރެން ދަންނަ ޓީމެއް ކަމަށާއި އެޓީމު ކައިރިން މޮޅުވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

ސެކުލޮސްކީ ބުނީ އެންމެ ފަހުން މި ދެޓީމު ބައްދަލުކުރި ފަހަރު ބެންގަލޫރަށް ކުރި ލިބުނީ މާޒިޔާ އަށް ކުދި ކުދި ގޯސްތަކެއް ހެދުމުން ކަމަށާއި މިފަހަރު ސަމާލުކަން ދޭނީ އެފަދަ ކަންތައްތަކުން ދުރުވުމަށް ކަމަށެވެ.

" ބެންގަލޫރަކީ އާދައިގެ ޓީމެއް ނޫން. ވަރަށް ޕްރޮފެޝަނަލް ޓީމެއް އެއީ. އެމީހުންގެ އެބަހުރި ބޮޑެތި މުބާރާތްތަކުގައި ނަތީޖާ ނެރެވޭނެ ފެންވަރު. އަހަރެމެން ވަރަށް ސަމާލުވާން އެބަޖެހޭ މި މެޗަށް. ޓީމެއްގެ ގޮތުގައި ކުޅެވެން ހުރި އެންމެ މޮޅަކަށް ކުޅެގެން ނޫނީ މި މެޗުތަކުން ކުރި ލިބޭނެ ގޮތެއް ނެތް. މިއީ ނޮކްއައުޓް މެޗެއް ގޮތަށް ދެކިގެން ހިތްވަރާއެކު މަސަތްކަތްކޮށްފިނަމަ މާޒިޔާ އަށް ފުރުސަތު އެބައޮތް. އަހަރެމެން އެންމެ ފަހުން ވެސް ކަޓައިގެންދިޔައީ ކުދި ކުދި ގޯސްތަކެއް ހެދުމުން. މިފަހަރު އަހަރެމެން މި މަސަތްކަތް ކުރަނީ މިފަަދަ ކަންކަން ތަކުރާރު ނުވޭތޯ، " ސެކުލޮސްކީ ބުންޏެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ. މާޒިޔާ ޕްލޭ އޮފުން ޖާގަ ހޯދީ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާ އަތުން މޮޅު ވެގެންނެވެ.