އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި މިއަދު ހަވީރު މާލޭގައި ރާއްޖޭގެ މާޒިޔާ އިން އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ބަލިކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބުކުރީ 2-1 އިންނެވެ. މި ދެޓީމު ވާދަކުރާ ދެ ވަނަ ލެގު މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ބެންގަލޫރުގެ ދަނޑުގަ އެވެ. މިއަދުގެ ނަތީޖާއާ އެކު ބެންގަލޫރަށް ގްރޫޕް ސްޓޭޖަށް ކޮލިފައިވެވޭނީ އަމިއްލަ ދަނޑުގައި މާޒިޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން މޮޅަށް ކުޅުނު އިރު ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް އެޓީމުން ތަނަވަސްކުރިއެވެ. މި ހާފުގައި ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މާޒިޔާ އިން އުފެއްދި ކައުންޓާ ހަމަލާއެއްގައި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އެހީތެރިކަމާއެކު ގޯލު ކުރިމަތިންހެން އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ.

މި ހާފުގެ ކުރީކޮޅު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ މިޑްފީލްޑަރު މޫސާ ޔާމީން އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެންގަލޫރުގެ ކުޅުންތެރިއަކު އޭރިޔާ ބޭރުން ތިރިތިރިން ފޮނުވާލި ހަމަލާއެއް މާޒިޔާގެ އަފްގާނިސްތާން ގޯލްކީޕަރު އޮވޭސް އަޒީޒީ ވަނީ މަތަކޮށްފައެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ފޭދޫ އިއްބެ އެވެ. އިއްބެ މި ލަނޑު ޖެހީ އިބްރާހިމް އައިސަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ބެންގަލޫރުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. ރެފްރީ މި ޕެނަލްޓީ ބެންގަލޫރަށް ދިނީ އޭރިއާ ތެރެއިން އެޓީމުގެ ފޯވަޑް މުހައްމަދު އާޝިގީ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާ އަށް މާޒިޔާގެ ބިދޭސީ ދެ ޑިފެންޑަރުން ކަމަށްވާ ޝަރީފް މުހައްމަދު އާއި ޕީޓާ ޕްލަނިޗް ފައުލްކޮށްފައިވާ ކަމަށް ބުނެއެވެ. ބެންގަލޫރުން ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރީ ފްރެންސިސްކޯ ހޯސޭ ބޯގެސް އެވެ. އޭނާ އަކީ ކުރިން ސްޕެއިންގެ ބާސެލޯނާގެ ބީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.

ބެންގަލޫރުގެ ލަނޑަށްފަހު އެޓީމުން ވަނީ ކުރިއަށް ޖެހި މާޒިޔާގެ ގޯލަށް ނުރައްކާ ކުރެވޭތޯ ވަރަށް މަސަތްކަތްކޮށްފައެވެ. އެހެން ނަމަވެސް މާޒިޔާ އިން ބެންގަލޫރު ހިފެހެެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

މާޒިޔާ މެޗުން މޮޅުވި ލަނޑު 78 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވަޑް ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ހަމްޕު ދިން ބޯޅައިގައި އޭރިއާގެ ތެރެއަށް ވަދެ ކޯނޭ ފޮނުވާލި ބާރު ބޯޅަ ހުއްޓުވުމުގައި ކީޕަރު ގްރްޕްރީތް ސިންހް އަށް މާބޮޑު މަސަތްކަތެއް ނުކުރެވުނެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރަން ބެންގަލޫރަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ ބިދޭސީ ކުޅުންތެރިއާ އެރިކް ޕަރްޓާލޫ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މިއީ ބެންގަލޫރު އަތުން މާޒިޔާ އަށް މިހާތަނަށް ލިބުނު ފުރަތަމަ މޮޅެވެ. އޭއެފްސީ ކަޕްގައި މީގެ ކުރިން މިދެޓީމު 2015 އަދި 2017 ވަނަ އަހަރު ކުޅުނު ހަތަރު މެޗުން ވެސް ބެންގަލޫރު ވަނީ މާޒިޔާގެ މައްޗަށް ކުރި ހޯދާފަ އެވެ.

ޕްލޭއޮފްގައި ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައިފި ނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ހިމެނޭނީ ރާއްޖޭގެ ޓީސީއާ އެއް ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.