ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު އޮތް ޙާލަތުގެ ސަބަބުން މާޒިޔާ އާއި ދެކޮޅަށް އެންމެ ކުޅެން ބޭނުންވި ގޮތަށް ނުކުޅެވުނު ކަމަށް ބެންގަލޫރު އެފްސީގެ ކޯޗު ކާލެސް ކުއަޑްރާޓް ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުގައި މާޒިޔާ އާއި ބެންގަލޫރު މިއަދު ހަވީރު ވާދަކުރި މެޗު މާޒިޔާ އިން ކާމިޔާބުކުރީ 2-1 އިންނެވެ. ފޭދޫ އިއްބެގެ ގޯލުން މާޒިޔާ އިން ލީޑު ނަގާފައިވަނިކޮށް ބެންގަލޫރުން ނަތީޖާ އެއްވަރު ކުރީ ލިބުނު ޕެނަލްޓީއެއްގައެވެ. އޭގެ ފަހުން މެޗުން މާޒިޔާ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޯނެލިއަސް ސްޓެވާޓެވެ. މި މޮޅާއެކު މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުމުގެ އުއްމީދު މާޒިޔާ އަށް ވަނީ ބޮޑުވެފަ އެވެ. މިއަދުގެ ނަތީޖާއާ އެކު ބެންގަލޫރަށް ގްރޫޕް ސްޓޭޖަށް ކޮލިފައިވެވޭނީ އަމިއްލަ ދަނޑުގައި މާޒިޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއަދުގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބެންގަލޫރުގެ ކޯޗު ކުއަޑްރާޓް ބުނީ މާލޭގައި އޮންނަ ދަނޑަކީ އިންޑިއާގެ ދަނޑުތަކާއި ވަރަށް ތަފާތު ދަނޑެއް ކަމަށާއި ވިނަގަނޑުގެ ޙާލަތު ދަށް ވުމުގެ ސަބަބުން މެޗު ޑޮމިނޭޓް ކުރުމުގައި ބެންގަލޫރުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ.

" ރާއްޖޭގެ ދަނޑުގައި ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމެއް. މި ދަނޑާއި އަހަރުމެން އިންޑިއާގައި ކުޅޭ ދަނޑުތަކާ ވަރަށް ބޮޑަށް ތަފާތު. މެޗުގެ ކޮންޓްރޯލް ހޯދަން ވަރަށް މަސައްކަތް ކުރިން އެކަމަކު ވިނަގަނޑު އޮތް ޙާލަތުގެ ސަބަބުން އަހަރެމެންނަށް ވަރަށް ގިނަ ބޯޅަތައް ގެއްލިގެންދިޔަ. މާޒިޔާގެ ކުޅުންތެރިން ތިބީ ދަނޑަށް ހޭނިފައި. އެމީހުން ލަނޑު ޖަހާފައި ހުރީވެސް މިކަމުގެ ފައިދާ ނަގައިގެން، " ކުއަޑްރާޓް ބުންޏެވެ.

މިއީ ބެންގަލޫރު އަތުން ރާއްޖޭގެ ޓީމެއް މޮޅުވި ދެ ވަނަ ފަަހަރެވެ. މީގެ ކުރިން ރާއްޖޭގެ ޓީމުތަކުން ބެންގަލޫރާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު އަތުން ކާމިޔާބު ހޯދީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުންނެވެ. އޭއެފްސީ ކަޕްގައި މީގެ ކުރިން މާޒިޔާ އާއި ބެންގަލޫރު 2015 އަދި 2017 ވަނަ އަހަރު ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށްފައިވަނީ އިންޑިއާ ޓީމުންނެވެ.

ޕްލޭއޮފްގައި ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައިފި ނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ހިމެނޭނީ ރާއްޖޭގެ ޓީސީއާ އެއް ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. މި ދެޓީމު ވާދަކުރާ ދެ ވަނަ ލެގު މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ބެންގަލޫރުގެ ދަނޑުގަ އެވެ.