1996 ވަނަ އަހަރު ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އެއިޓް ދޫކޮށްލުމަށްފަހު އާސެނަލްގެ ކޯޗުކަމާ ހަވާލުވި އާސެން ވެންގާ އަކީ އިނގިރޭސި ފުޓްބޯޅަ އަށް އޭރު މުޅިން އާ ނަމެކެވެ. އާސެނަލްގެ ކުޅުންތެރިންނާއި އެ ކްލަބުގެ ސަޕޯޓަރުންނަށް ވެސް ވެންގާ އަކީ މުޅިން އާ މީހެކެވެ.

އޭރު ގިނަ ބަޔަކަށް ފްރާންސް އަށް އުފަން ވެންގާ ނޭނގުނު ނަމަވެސް މިއަދު ގިނަ ބަޔަކު އޭނާ ސިފަކުރަނީ އިނގިރޭސި ފުޓްބޯޅަ އަށް އިންގިލާބީ ބަދަލެއް ގެނެސްދިން އަދި ފުޓްބޯޅައިގެ މައިދާނުގައި ކާމިޔާބު އެއް ކޯޗުގެ ގޮތުގައެވެ.

އާސެނަލްގައި 21 އަހަރު ހޭދަކުރުމަށްފަހު ވެންގާ އިއްޔެ ވަނީ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލާނެކަން އިއުލާންކޮށްފައެވެ. އާސެނަލްގައި ވެންގާ ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އުފާވެރި އަދި ހިތްދަތި ކަންތައްތަކާއި ވެސް ކުރިމަތިލާފައެވެ. އެ ކަންތައްތަކަށް މި ރިޕޯޓުގައި ކުރުގޮތަކަށް ބަލާލާނަމެވެ.

"އާސެން" އަކީ ކާކު؟

ވެންގާ އާސެނަލްގެ ކޯޗުކަމާ ހަވާލުވިއިރު އޭނާއަކީ ކާކުން ގިނަ ބަޔަކަށް އެނގިފައެއް ނުވެއެވެ. އެގޮތުން އާސެނަލްގެ ކޯޗުކަމާ ވެންގާ ހަވާލުވުމުން އިނގިރޭސި ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ވެސް އޭރު އެންމެ ގިނައިން ލިޔެވުނީ "އާސެން" އަކީ ކާކު؟ މި ސުރުހީއެވެ.

"އަހަރުމެން އަޑުއެހި މީހެއްގެ ނަމެއްވެސް ނޫން އެއީ. އިނގިރޭސި ނޫސްވެރިންނަށް ވެސް ކުރިއަކުން ވެންގާ އެނގިފައެއް ނެތް. ވެންގާ އަށް ބަލާފަ އަހަންނަކަށް ނުވެސް ޖެހި ފުޓްބޯޅަ އާއި ގުޅުން ހުރި މީހަކާ ވައްތަރެއް ވެސް" މިއީ ފުރަތަމަ ފަހަރަށް ވެންގާ ފެނުމުން އާސެނަލްގެ ލެޖެންޑް އިއާން ރައިޓް ދެއްކި ވާހަކަތެކެވެ.

ނަމަވެސް އާސެނަލްގެ ކޯޗުކަމާ ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ވެންގާ ވަނީ ތަފާތު ދައްކަން ފަށާފައެވެ. އެގޮތުން ފަރިތަކުރުންތަކުގައި ބޭނުންކުރާ އުކުޅުތަކާއި މެޗުތަކުގެ ކުރިން ކުޅުންތެރިންގެ ތައްޔާރީތަކަށް ބަދަލު ގެނައުމާއި ޕްރޮފެޝަނަލް ކުޅުންތެރިންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަށް އަށަގެނެވުމަށް އޭނާ ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މެޗުގެ ކުރިން ޗޮކްލެޓް ފަދަ ތަކެތި ކެއުން ކުޅުންތެރިންނަށް ވެންގާ މަނާކުރި ކުރުމެވެ.

އާސެނަލް އަށް އޭރު ކުޅުނު ބައެއް ކުޅުން ފާހަގަކުރާ ގޮތުގައި ވެންގާ އަކީ ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ކުރަން ބާރު އަޅާ ކޯޗެއް ނޫނެވެ. އޭގެ ބަދަލުގައި ވެންގާ އަބަދުވެސް ބޭނުން ކުރަމުން އައީ "ޕްރޮފެޝަނަލް" ގޮތްތަށް ކަމަށް އެ ކުޅުންތެރިން ބުނެއެވެ. ފުޓްބޯޅައާ މެދު އެ ކުޅުންތެރިން ކުރިން ދެކެމުން އައި ގޮތް ބަދަލުކޮށްލީ ވެންގާއެވެ.

"މެސެޖެއް އަހަރުމެންނަށް ދޭން ބޭނުންވިޔަސް ވެންގާ ގެންނާނީ އެކަމަކާ ގުޅޭ ޕްރޮފެޝަނަލް މީހެއް. ޕްރޮފެޝަނަލް މީހުންގެ ފަރާތުން ވަރަށް ގިނަ މެސެޖުތަކެއް އަދި ކަންތައްތަކެއް ވެސް އަހަރުމެންނަށް ވަނީ އެނގިގެން ގޮސްފައި. އެގޮތުން ޑަޔެޓާއި ބްލަޑް ޓެސްޓުތަކާއި ގުޅޭގޮތުން ވާހަކަދައްކަން ޑޮކްޓަރުން ތިބޭނެ. އަދި ފަރިތަކުރުންތަކުގައި ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ދިނުމަށް ވެސް ޕްރޮފެޝަނަލް މީހުން ތިބޭނެ. ހުރިހާ ކަމެއް ވެސް ވެންގާ ބެލެހެއްޓީ ވަރަށް ރަނގަޅަށް" އާސެނަލްގެ ކުރީގެ ޑިފެންޑަރު މާޓިން ކިއޯން ބުންޏެވެ.

"ފަރިތަކުރުންތައް ވެސް ވަރަށް ތަފާތު ވާނެ. އޭރު ފަރިތަކުރުންތަކުގައި އަލަށް ބޭނުން ކުރަން ފެށީ ވެސް މެނެކުއިންތައް. އަހަރުމެންނަކަށް ނޭނގޭ ކުރިއަކުން އެއީ ކޯއްޗެއް ކަމެއް ވެސް. އަހަރުމެންގެ ތެރެއިން ގިނަ ކުޅުންތެރިންނަށް ހީވެފައި އޮތީ ސިނގިރޭޓް ބްރޭންޑެއް ކަމަށް" ކިއޯން ބުންޏެވެ.

އާސެނަލް އިން އޭރު ހޯދަމުންދިޔަ ކާމިޔާބީތަކުގެ ސިއްރަކީ ވެންގާ ގެންގުޅުނު ހަރުދަނާ އުސޫލެވެ. ކުޅުންތެރިންނާއި ބެހެއްޓި ގާތް ކަމެވެ. އާސެނަލްގެ ކޯޗުކަމާ ހަވާލުވި ހިސާބުން އެ ކްލަބުގެ ބޯޑުން އޭނާ އަށް ބޮޑެތި ބާރުތަކެއް ދިންއިރު އެ ބާރުތަކުގެ ބޭނުން އޭނާ ކުރަމުން އައީ ރަނގަޅަށް ކަން ވެންގާގެ އިރުޝާދުގެ ދަށުން ކުޅެ އާސެނަލް އިން ހޯދި ކާމިޔާބީތަކުން ވެސް ފެނިގެންދެއެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ވެންގާ އަކީ އިނގިރޭސިވިލާތަށް ނިސްބަތް ނުވާ ކޯޗުންނަށް ޕްރިމިއަރ ލީގުގައި މަސައްކަތް ކުރަން ދޮރު ހުޅުވާލިދިން ފަރާތެވެ.

ވެންގާގެ ކާމިޔާބީގެ އަހަރުތައް

1998 ވަނަ އަހަރަކީ އާސެނަލްގައި ވެންގާ ކާމިޔާބީތައް ހޯދަން ފެށި އަހަރެވެ. އެގޮތުން އެ އަހަރު ވެންގާގެ އިރުޝާދުގެ ދަށުން ކުޅެ އާސެނަލް އިން ވަނީ ލީގާއި އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. އޭގެފަހުން 2002 ވަނަ އަހަރު ވެސް ހަމަ އެ ކާމިޔާބީ އާސެނަލް އިން ތަކުރާރުކުރިއެވެ.

އޭގެފަހުން ވެސް ފަސް ފަހަރެއްގެ މަތިން އާސެނަލް އިން އެފްއޭކަޕް ކާމިޔާބުކުރި އާސެނަލް އިން ލީގު އެންމެފަހުން ކާމިޔާބުކުރީ 2004 ވަނަ އަހަރުއެވެ. އެފަހަރު އާސެނަލް އިން ލީގު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މިއީ އަދި މިހާތަނަށް ޕްރިމިއަރ ލީގުގެ އެއްވެސް ކްލަބަކަށް ކުރެވިފައިވާ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ވެންގާ ފުރަތަމަ ސީޒަނުގައި ލީގުގައި މޮޅުވުމުގެ ރެޝިއޯ އުޅުނީ 46.7 ޕަސެންޓުގައެވެ. ނަމަވެސް މި ކާމިޔާބީތަކާ އެކު 2004 ވަނަ އަހަރާ ހަމައަށް އައިރު ވެންގާގެ މޮޅުވުމުގެ ރޭޝިއޯ ވަނީ 68.4 ޕަސެންޓް މައްޗަށް ޖެހިލާފައެވެ.

އާސެނަލްގެ ކޯޗުކަމާ ވެންގާ ހަވާލުވިއިރު ވެސް ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން އެ ކްލަބުގައި ތިއްބެއެވެ. އޭގެއިތުރުން ވެންގާ ވަނީ ފްރާންސް އަށް ނިސްބަތްވާ ޒުވާން ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފައެވެ. އެގޮތުން ތިއެރީ އޮންރީ އާއި މާކް އޯވަމާސް އާއި ނިކޮލަސް އަނެލްކާ އާއި ރޮބަޓް ޕިރޭސް މެން ފާހަގަކޮށްލެވެއެވެ.

ވެންގާގެ އިރުޝާދުގެ ދަށުން ކުޅެ ކާމިޔާބީތައް އާސެނަލް އިން ހޯދަމުންދިޔައިރު އެ ކްލަބުން އޭރު ދައްކަމުން ދިޔައީ ޒަމާނީ ރީތި ފުޓްބޯޅަ އެކެވެ. ވެންގާގެ އިރުޝާދުގެ ދަށުން ކުޅެ އާސެނަލް އަށް އޭރު ގެނައި ޒުވާން ބައެއް ކުޅުންތެރިން ފަހުން ވަނީ ފުޓްބޯޅަ ލެޖެންޑުންނަށް ވެސް ވެގެން ގޮސްފައެވެ. އެ ކުޅުންތެރިން އެހާ ހިސާބަށް ގެންގޮސްދިނުމުގައި ވެންގާގެ ހިއްސާ ވަރަށް ބޮޑެވެ. މިއަދު އެ ކުޅުންތެރިން ވެންގާ އަށް ޝުކުރު އަދާކުރުން ހައްގެވެ.

އާސެނަލްގައި އޭރު އޮތް ޒުވާން ހުނަރުވެރި އަދި ތަޖުރިބާ އިން ފުރިގެންވާ ސްކޮޑާ އެކު ވެންގާ ހޯދި ކާމިޔާބީ ތަކަކީ ކިތަންމެ ގިނަ ދުވަހެއްވީ ނަމަވެސް ހަނދާނުން ފޮހެލެވޭނެ ކަންތައްތަކެއް ނޫނެވެ.

ކާމިޔާބީތައް މަޑުޖެހުން، ފާޑުކިޔުންތައް ވެންގާ އަށް އަމާޒުވި

ސަޕޯޓުކުރާ ކްލަބަކަށް ކާމިޔާބީ ނުލިބޭނަމަ އެންމެ ފުރަތަމަ ވެސް އެ ކްލަބަކަށް ސަޕޯޓުކުރާ ސަޕޯޓަރުން އިނގިލި ދިއްކުރާނީ ކޯޗަކަށް ހުންނަ މީހާއަށެވެ. އާސެނަލްގައި ވެސް ކަންތައްތައް ވެގެންދިޔައީ ހަމަ މިގޮތަށެވެ.

އާސެނަލްގެ ކާމިޔާބީތަކަށް ހުއްޓުމެއް އައިއިރު އޭރު އެ ކްލަބުގައި އޮތް ސްކޮޑުގައި ހިމެނުނު ބައެއް ކުޅުންތެރިން ވެސް ވަނީ ދުވަސްތަކެއްފަހުން އެ ކްލަބު ދޫކޮށްލާފައެވެ. އެއާއެކު އާސެނަލްގެ ސްކޮޑަށް ހީނަރުކަމެއް ވަނީ އައިސްފައެވެ. އެ ހީނަރުކަމުގެ ތެރެއިން އަރައިނުގަނެވިގެން އުޅެނިކޮށް އާސެނަލްއާ ވާދަވެރި ކްލަބުތަށް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ އިން ދިޔައީ ކާމިޔާބީތަށް ބާރު ސްޕީޑެއްގައި ހޯދަމުންނެވެ. ޓްރާންސްފާ މާކެޓުގައި އެ ކްލަބުތަކުގެ ހަރަކާތްތަށް ވެސް ގިނައެވެ.

ވާދަވެރި ކްލަބުތަކުން ކާމިޔާބީތަށް ހޯދަމުން ދިޔައިރު އާސެނަލް އަށް ކާމިޔާބީއެއް ނުލިބުން ވެގެންދިޔައީ އެ ކްލަބުގެ ސަޕޯޓަރުންނަށް ބަލައިގަންނަން ދަތި ކަމަކަށެވެ.

އެގޮތުން 2004 ވަނަ އަހަރު ލީގު ކާމިޔާބުކުރުމަށްފަހު އާސެނަލް އަށް އަދި މިހާތަނަށް ލީގެއް ކާމިޔާބު ކުރެވިފައި ނުވުމާއި އާސެނަލްގައި ތިބި ހުނަރުވެރި ބައެއް ކުޅުންތެރިން އާސެނަލްއާ އެންމެ ވާދަވެރި ކްލަބުތަކަށް ވިއްކާލުން ވެގެންދިޔައީ އާސެނަލްގެ ސަޕޯޓަރުންގެ ނުރުހުން ވެންގާ އަށް ވަރަށް ބޮޑަށް އަމާޒުވި ކަމެކެވެ.

އެގޮތުން ވެންގާގެ އިސްތިއުފާ އަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އާސެނަލްގެ ބައެއް ސަޕޯޓަރުން ދިޔައީ ގޮވާލަމުންނެވެ. އަދި ފާއިތުވި ދެ ސީޒަނުގެ ތެރޭގައި ވެންގާގެ އިސްތިއުފާ އަށް ގޮވާލާ މެޗުތަށް ފެށުމުގެ ކުރިން އާސެނަލްގެ ބައެއް ސަޕޯޓަރުން މުޒާހަރާތަކެއް ވެސް ވަނީ ކޮށްފައެވެ.

މީގެއިތުރުން ޓްރާންސްފާ މާކެޓުގައި ވެސް ރަނގަޅު ކުޅުންތެރިންތަކެއް ގެންނަމުން ނުދާތީ އާސެނަލްގެ ބައެއް ސަޕޯޓަރުންގެ ނުރުހުން ވެންގާގެ އިތުރުން އާސެނަލްގެ ބޯޑަށް ވެސް ވަނީ ފާއިތުވި އަހަރުތަކުގައި އަމާޒުވެގެން ގޮސްފައެވެ. ސަޕޯޓަރުންގެ ޕްރެޝަރާ އެކީ އާސެނަލްގެ އެތެރޭގެ ހިންގުމަށް ބަދަލުތަކެއް ގެންނަން މިހާރު ވަނީ ފަށާފައެވެ.

މި ސީޒަނުގައި އާސެނަލް އިން ލީގުގައި ކުޅޭ މެޗުތަކަށް ވަންނަ ސަޕޯޓަރުންގެ އަދަދު ވެސް މަދުވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އާސެނަލްގެ މިވަގުތުގެ ހާލަތަށް ބަލާއިރު މިއީ ވެންގާ އެ ކްލަބުގެ ކޯޗުކަމުން ދުރަށް ޖެހިލުމަށްފަހު އާ މޫނަކަށް ފުރުސަތުދޭން އެންމެ ރަނގަޅު ވަގުތެވެ.

ވެންގާ އަށް ފަހު ދެން ކާކު؟

21 އަހަރަށްފަހު ވެންގާ އާސެނަލް ދޫކޮށްލަން ތައްޔާރުވަމުންދާ އިރު މިވަގުތު އެންމެން ވެސް އެންމެ ބޮޑަށް ބަލަން ބޭނުންވަނީ ވެންގާގެ ބަދަލުގައި ދެން އެ ކްލަބަށް އަންނަނީ ކާކުތޯއެވެ. އާސެނަލް ދޫކޮށްލާނެކަން އިއުލާންކުރި ހިސާބުން މީޑިޔާގައި މިހާރު ދަނީ ތަފާތު އެކި ކޯޗުންގެ ނަންތައް ދައުރުވަމުންނެވެ.

އޭގެތެރޭގައި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އާއި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އާއި ޗެލްސީގެ ކޯޗު ކާލޯ އެންޗެލޯޓީގެ ނަން ހިމެނެއެވެ.

ލުއިސް އެންރީކޭ

ތަޖުރިބާކާރު ކޯޗެއްގެ ބަދަލުގައި ތަންކޮޅެއް ޒުވާން ފަރާތެއް ވެސް އާސެނަލްގެ ކޯޗުކަމަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަށް ބުނެއެވެ. އާސެނަލް އަށް ކުރިން ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ މިކޭލް އާޓެޓާ އާއި ޕެޓްރިކް ވިއެރާގެ ނަން މި އަންނަނީ މިހާ ހިސާބުންނެވެ. އާޓެޓާ އަކީ މިހާރު މެންޗެސްޓަރ ސިޓީގެ އެސިސްޓެންޓް ކޯޗެވެ. އަދި ވިއޭރާ އަކީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ ނިއުޔޯކް ސިޓީ އެފްސީގެ ކޯޗެވެ.

ވެންގާގެ މަގާމު ފުރުމަކީ އެއްވެސް ކޯޗަކަށް ކުރުން އެހާ ފަސޭހަ ކަމަކަށް ނުވާނެކަން ޔަގީނެވެ. އެ މަގާމު ފުރުމަށް މީހަކު ހަމަޖެއްސުމަށް ވެސް ގިނަ ވަގުތުތަކެއް ނަގާނެއެވެ.

މިކޭލް އާޓެޓާ

ކޯޗެއް ހޯދުމުގެ ވާހަކަ ސަޕޯޓަރުންނާއި ނޫސްވެރިން ދެއްކި ނަމަވެސް އާސެނަލްގެ ކުޅުންތެރިން މިވަގުތު ތިބީ ކާމިޔާބީއަކާ އެކީ އުމުރުން 68 އަހަރުގެ ވެންގާ އަށް އަލްވަދާއު ކިޔަން ބޭނުންވެފައެވެ.

އެގޮތުން އާސެނަލް މި ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އަދި އެބައޮތެވެ. އެގޮތުން އެ މުބާރާތުގެ ސެމީފައިނަލްގައި އާސެނަލް މިވަގުތު އޮތްއިރު ސެމީގައި އެޓީމު ނިކުންނާނީ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.