އިންގްލަންޑުގެ އާސެނަލް ކަޓުވާލައި ގްރީސްގެ އޮލިމްޕިއާކޮސް އިން ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ ސޯޅަ އަށް ދަތުުރު ކޮށްފިއެވެ.

ޔުރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މި ދެޓީމު ގްރީސްގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ އާސެނަލް އެވެ. އޭގެ ފަހުން ރޭ ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް އޮލިމްޕިއާކޮސް އަނެއް ބުރަށް ކޮލިފައިވީ އަވޭ ގޯލުގެ ތަފާތުން އެޓީމަށް ކުރި ލިބުމުންނެވެ.

މި މެޗާ އޮލިމްޕިއާކޮސް ކުރިމަތިލީ ވެސް ރަނގަޅު ފޯމެއްގައި އޮވެ އެވެ. ގްރީސްގެ ސުޕަ ލީގުގައި މިސީޒަނުގައި އެޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު ފަސް ޕޮއިންޓުގެ ލީޑަކާއެކު އެޓީމު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަނެއްކޮޅުން އެމިރޭޓްސްގައި މި ދެޓީމު އެންމެ ފަހުން 2015 ވަނަ އަހަރު ބައްދަލުކުރި މެޗު ވެސް ކާމިޔާބުކޮށްފައިވަނީ އޮލިމްޕިއާކޮސް އިންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ވެސް އޮލިމްޕިއާކޮސް އެވެ. ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި މެތިއު ވަލްބުއެނާ ނަގައިދިން ކޯނަރެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޕާޕާ އަބޫ ސީސޭ އެވެ. އާސެނަލްގެ ފޯވަޑް އަލެގްޒަންޑާ ލަކަޒަޓް މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ލެފްޓް ބެކް ބުކާޔޯ ސާކާގެ އެހީތެރިކަމާއެކު އިދިކޮޅު ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ ސާކާ ހުރަސް ނަގައިދިން އިރު އޭނާ ހުރީ އޮފްސައިޑްގައި ކަމަށެވެ.

މުޅި މެޗުގައިވެސް ފަހަތަށް ޖެހިގެން ކުޅުނު އޮލިމްޕިއާކޮސްގެ ގޯލާ އަމާޒުކޮށް އާސެނަލް އަށް ފުރަތަމަ ފަހަރަށް ހަމަލާއެއް ފޮނުވާލެވުނީ މެޗު ނިމެން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. ފޯވަޑް ނިކޮލަސް ޕެޕޭ އަރިމަތިން ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ކީޕަރުގެ ހުޝިޔާރުކަމުންނެވެ. މެޗުގެ މި ނަތީޖާގައި 90 މިނެޓު ހަމަވުމުން އެގްރިގޭޓުން ދެޓީމު އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ.

އިތުރު ވަގުތުގައި ގޯލެއް ޖެހުމާއި އެންމެ ފުރަތަމަ ކައިރިއަށް ޖެހިލީ އޮލިމްޕިއާކޮސް އިންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖިއޯގޮސް މަސޫރަސް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އިތުރު ވަގުތުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މިޑްފީލްޑަރު މެސުޓް އޮޒިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ގެބޮން ފޯވަޑް އޮބާމެޔާންގް އެވެ.

އޮބާމެޔާންގެ ހިތްގައިމު ގޯލުން އާސެނަލް ދެވަނަ ބުރަށް ކޮލިފައިވުމާ ފިޔަވަޅަކަށް ގާތަށް ޖެހިލި ނަމަވެސް އެޓީމުގެ އުއްމީދުތައް ފެނަށް ދިޔައީ މެޗުގެ ފަހު މިނެޓުގައި ޔޫސުފް އަލް އަރާބީ ބާންޑް ލެނޯގެ ގޯލު ފޫއަޅުވާލައި ނަތީޖާ 2-1 އަށް ބަދަލު ކުރުމުންނެވެ. އޭގެ ފަހުން އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި ދެ މިނެޓު ނިމެން ކައިރި ވެފައި ވަނިކޮށް ނަތީޖާ އަނބުރާލަން އާސެނަލް އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. އާސެނަލް ކުޅުންތެރިއަކު އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއްގައި މުޅިން ހުހަށް ހުރެ އޮބާމެޔާންގް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ޔުރޮޕާ ލީގުން އަލްވަދާއު ކިއުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ބޭނުންނަމަ އާސެނަލް ޖެހޭނީ ޕްރެމިއާ ލީގު ތާވަލުގެ ގަދަ ހަތަރަކުން ޖާގަ ހޯދާށެވެ. އެޓީމު މިވަގުތު އޮތީ 37 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ. އެޓީމާ ތާވަލުގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޗެލްސީ އަށް ހަތަރު ވަނަ ލިބެނީ 44 ޕޮއިންޓާއެކު އެވެ.

ލީގުގައި އާސެނަލް އަށް ދެން ކުރިއަށް އޮތީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް އެމިރޭޓްސްގައި ކުޅެން އޮތް މެޗެވެ. އޭގެ ކުރިން އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ޕޯޓްސްމައުތްއާ ދެކޮޅަށް އަންނަ މަހުގެ ތިން ވަނަ ދުވަހު ރަށުން ބޭރުގައި އެޓީމު ނުކުންނާނެއެވެ.